ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގައި 2 ވަނަ ރާޅެއް ނަގާ، ތެލަށް އޮންނަ ޑިމާންޑަށް ބަދަލު އައިސް، ހީނަރުކަމާ ކުރިމަތިލާންޖެހިއްޖެ ހިނދެއްގައި، ތެލުގެ ބާޒާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް) އާއި އޯޕެކްގެ އިއްތިހާދީ ބައިވެރިން އެއްބަސްވެއްޖެއެވެ.

އޯޕެކްގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އޮތް އެންމެ ނުފޫޒުގަދަ މެމްބަރު ކަމަށް ވާ ސައުދީ އަރަބިއްޔާއިން ބުނީ، ތެލުގެ ބާޒާރަށް އޯޕެކުން އެއްބާރުލުން ނުދީފާނެ ކަމަށް ޝައްކު ކުރުމުގެ ފުރުސަތެއް އެއްވެސް މީހަކަށް ނެތް ކަމަށެވެ.

2021 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފަށައިގެން ތެލުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ނިންމާފައި އޮތް ނަމަވެސް، ކޮންމެހެން ބަދަލު ގެންނަންޖެހިއްޖެ ނަމަ، މި ނިންމުމަށްވެސް ބަދަލު ގެންނާނެ ކަމަށް އޯޕެކުން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި ރެކޯޑް މިންވަރަކަށް އަގުތަށް ދަށަށް ދާއިރު، 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯޕެކްއާއި އޯޕެކްގެ އިއްތިހާދީ މެމްބަރުންގެ ގުޅުން (އޯޕެކް ޕްލަސް) އިން ވަނީ ތެޔޮ އުފައްދާ މިންވަރު މަޑުޖައްސާލާފައެވެ.

އޯޕެކް ޕްލަސް ބްލޮކުން ދުވާލެއްގެ މައްޗަށް 9.7 މިލިއަން ފީފާގެ ތެޔޮ އުފައްދަމުން ދިޔަ ނަމަވެސް، މިހާރު މިއަދަދު، 7.7 މިލިއަން ފީފާއަށް މަދުކޮށްފައި ވާ ކަމަށް ޚަބަރު ލިބެއެވެ. އަދި ޖަނަވަރީ މަހު އިތުރު 2 މިލިއަން ފީފާ އުނިކުރާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ ފީފާއެއްގެ މިހާރު އުޅެނީ ގާތްގަނޑަކަށް 43 ޑޮލަރަށެވެ.