އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރުން ދުވާލަކަށް 2 މިލިއަން ފީފާ މަދުކުރަން ނިންމި މައްސަލައިގައި ސައުދީއާ އެކު އޮންނަ ގުޅުން މުރާޖައާ ކުރާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއާއި ހުޅަނގުގެ ހަކަތައިގެ ސިނާއަތުގައި ތެލަށް ބަރޯސާވުން ބޮޑު އިރު އޯޕެކުން ތެޔޮ އުފައްދާ ވަރު މަދުކުރަން ނިންމި ނިންމުމަކީ ރަޝިއާއަށް ތާއީދު ކުރަން ކުރި ކަމެއްގެ ގޮތުގައި އެމެރިކާއާއި ހުޅަނގުން ތުހުމަތު ކުރެއެވެ.
އެމެރިކާއިން ސައުދީގެ ގުޅުން މުތާލިއާ ކޮށް މުރާޖައާ ކުރާނެކަން ހާމަކޮށްފައި ވާ އިރު، އެގައުމުގެ ގާނޫނު ހަދާ ފަރާތްތަކާއި ބޭރުގެ ގާނޫނީ ލަފާ ހޯދަން ދަނީ ތައްޔާރުވަމުންެނެވެ.
އެމެރިކާއިން މި ފިޔަވަޅު އަޅާ އިރު ސައުދީއަރަބިއްޔާއިން ބުނެފައި ވަނީ، ތެޔޮ އުފައްދާ މިންވަރު މަދުކުރުމަކީ އިގްތިސޯދީ ފިޔަވަޅެއް ކަމަށެވެ. އެގޮތުން، ކޮވިޑާއެކު ތެލުގެ ބާޒާރުގައި ފީފާއެއްގެ އަގު 120 ޑޮލަރަށް އަރައިގެން ދިޔަ ނަމަވެސް މިހާރު އަގު ދަށްވެ ފީފާއެއް 90 ޑޮލަރަށް ލިބެއެވެ.
އެމެރިކާ ހިމެނޭހެން މުޅި ދުނިޔެއާ އަޅާ ކިޔާ އިރު ތެލުގެ ސިނާއަތުގެ 80 ޕަސެންތް ކޮންޓްރޯލް އޮންނަނީ އޯޕެކްގެ ގަުއމުތަކުގައެވެ.
ސައުދީގެ ރިޒާވްގައި 267 ބިލިއަން ފީފާގެ ތެޔޮ ހުރި އިރު އެއީ އޯޕެކްގެ ދެވަނައަށް އެންމެ ބޮޑު ޝެއާހޯލްޑަރެވެ. އޯޕެކްގައި ސައުދީގެ ޝެއާއަކީ 21.5 ޕަސެންޓެވެ. އޯޕެކްގެ އެންމެ ބޮޑު ޝެއާހޯޑަރު ކަމަށްވާ ވެނެޒުއޭލާގެ ރިޒާވްގައި 303 ބިލިއަން ފީފާގެ ތެޔޮ ހުރި އިރު އެއީ 24.4 ޕަސެންޓް ހިއްސާކުރާ ޝެއާހޯލްޑަރެވެ. އީރާނުން 16.8 ޕަސެންޓް ހިއްސާ ވާ އިރު ރިޒާވްގައި 208 ބިލިއަން ފީފާގެ ތެޔޮ އެބަހުއްޓެވެ. އިރާގުން 11.7 ޕަސެންޓް ހިއްސާ ކުރާ އިރު އެގައުމުގައި 145 ބިލިއަން ފީފާ ތެލުގެ ރިޒާވެއް އެވަހުއްޓެވެ. ޔޫއެއީގެ ހިއްސާއަކީ 8.9 ޕަސެންޓެވެ. އެގައުމުގައި 111 ބިލިއަން ފީފާ ތެލުގެ ރިޒާވެއް އެބަހުއްޓެވެ. ކުވައިތުގައި 101 ބިލިއަން ފީފާ ތެލުގެ ރިޒާވެއް ހުރި އިރު އެއީ އޯޕެކްގެ 8.2 ޕަސެންތް ހިއްސާދާރެކެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެހެން ހުރިހާ ގައުމެއް އެއްކޮށްލީމާއި ހަމަވަނީ 303 ބިލިއަން ފީފާފެ ތެލެވެ.
ހުސްވި ހަފްތާގައި އޮސްޓްރިއާގެ ވިއޭނާގައި ބޭއްވި ބައްދަލުވުމެއްގައި އޯޕެކް ގައުމުތަކުން ވަނީ ދުވާލަކަށް މިހާރު ނެރެމުން ދާ 29.7 މިލިއަން ފީފާގެ ތެރެއިން 2 މިލިއަން ފީފާ މަދުކުރަން ނިންމާ އިއުލާންކޮށްފައެވެ.
އެ ގައުމުތަކުން ދުވާލަކަށް އުފައްދާ މިންވަރު މަދުކުރަން ނިންމީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ އަދި އިތުރަށް އަގު ވެއްޓުމުގެ ބިރު އޮތުމާ ގުޅިގެން ފީފާއަކަށް ޖެހޭ އަގު ރަނގަޅު ކުރުމަށެވެ.