ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމު ދޭ ރާއްޖޭގެ ކޮލެޖްތައް ޔުނިވަރސިޓީއަށް ބަދަލުވުމުގެ ފުރުސަތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދީ، އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ނާޒިމް މިހެން ގޮވާލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ގާނޫނު" އަށް އިސްލާހު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަހުސްގައި މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ޔުނިވާސިޓީއަކަށް ވުމަށް ކޮލެޖްތަކަށް މިހާރު ހުރީ ވަރަށް އުނދަގޫ ޝަރުތުތަކެއް ކަމަށާއި، އެކަމަށް ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އެގޮތުން ކޮލެޖެއްގެ ގޮތުގައި 15 އަހަރު ޝަރުތުކޮށްފައި ހުރުންފަދަ ކަންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، އޭގެ ބަދަލުގައި ޝަރުތުތަކަށް ވީހާވެސް ލުއި ދިނުމަށްފަހު، ފެންވަރު ހިފެހެއްޓޭ އަދި ފެންވަރު ބެލޭނެ ގޮތް ހަރުދަނާކޮށް، ކޮލެޖްތައް ރަނގަޅަށް އޮޑިޓްކުރެވޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށެވެ.

ނާޒިމުގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވީ ކިޔަވައިދިނުމަކީ ދުނިޔޭގެ ގައުމުތަކުގައި އިންޑަސްޓްރީއެއްގެ ގޮތުގައި ބަލާފައިވާއިރު، ރާއްޖޭގައި ސިޔާސީ ގޮތުން މިކަމުގައިވެސް ބައެއް ފަރާތްތަކަށް ޖެއްސުމާއި ގޯނާކޮށް، މިފަދަ ގޯނާތަކުގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށްވެސް ދަތިތައް ކުރިމަތިކޮށް، ޔުނިވަރސިޓީއަށް ބަދަލުވުމުގައި ދަތިތައް ކުރިމަތި ކުރުވާފައިވަ ކަމަށެވެ.

އަދި ވިލާކޮލެޖް، ސައިރިކްސް ކޮލެޖް އަދި އެވިޑް ކޮލެޖްފަދަ ކޮލެޖްތައް ރާއްޖޭގައި މީހުން ބިނާކުރުމުގައި ގިނަގުނަ ހިދުމަތް ކޮށްފައިވާއިރު، ފެންވަރު ރަނގަޅު ހިދުމަތާ ގުޅިގެން ޔުނިވާސިޓީއަކަށް ބަދަލުވުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިފަދަ ފުރުޞަތުތައް ނެތުމުގެ ސަބަބުން ޕްރޮފެސަރުން ފެންވަރުގެ ބޭފުޅުންނާއި، މަތީ ތަޢުލީމު ލިބިލައްވާފައިވާ ބައެއް ބޭފުޅުން އެކަށީގެންވާފަދަ މަސައްކަތް ހޯދުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާ
އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް

ނާޒިމް ވިދާޅުވީ، ޔުނިވާސިޓީ އަށް ބަދަލުވުމަށް ކޮލެޖްތަކަށް ލުއި ގޮތް ހޯދައިދިނުމަށް ހުށަހެޅިފައިވާ ބިލަށް ތާއީދުކުރައްވާ ކަމަށެވެ.

ނާޒިމް ވަނީ ބިލުގެ ކޮމެޓީ މަރުހަލާގައި މި ޝަރުތުތަކަށް ވީހާވެސް ބޮޑަށް ލުއި ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ބެލެހެއްޓުމާއި އޮޑިޓްކުރުން ހަރުދަނާކުރުމުން ދެން ފެންވަރު ހިފެހެއްޓޭނެކަން ނާޒިމް ފާހަގަކުރެއްވިއެވެ.