ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި 98 ވެހިކަލެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލްކޮށްފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ބާތިލްކުރި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

މިގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، އަދި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޖިސްޓްރީ ބާތިލްކުރި އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރުތައްވެސް މިނިސްޓްރީގެ އިއުލާންގައި އާންމުކޮށްފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ވެސް ގަވައިދާއި ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލް ކޮށްފައެވެ.

މިގޮތުން މިދިޔަ ހަފްތާ 50 ވެހިކަލެއްގެ ރަޖިސްޓްރީ ވަނީ ބާތިލް ކޮށްފައެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓުން ބާތިލްކޮށްފައިވާއިރު، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު މިމަހު 1 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.