ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ސިނާއަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިހްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކުރުނބާ މޯލްޑިވްސްގައި ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިން ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޙަފްލާގައި ވިދާޅުވީ، ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތަޖުރިބާއިން ފެންނަ އެއްކަމަކީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ ޞިނާޢަތްތައް ތަރައްޤީކުރުމުގައި ސަރުކާރާއި، ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަން ޖެހޭ ގުޅުމާއި، ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ޞިނާޢަތްތަކަށް ސަރުކާރުން ގޮތް ފާޑު ނުކިޔައި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާކަމުގައެވެ.

މި ހަފްލާގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ހިތްވަރާ، އަޒުމާއި، ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުމަށް ބުންވަރު ހުރެއްޖެ ނަމަ ބަޔަކު ދުވަހަކު ހިޔާލަށް ނުގެންނަ އަދި އެއްގޮތަކަށް ނުވެސް ނެތް ކަމެއް ވެސް، ތަރައްޤީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެ ކަމުގައެވެ.

ޓޫރިޒަމް އެވޯޑް ލިބުނު ފަރާތްތަކާއެކު ރައީސް (މ) ފޮޓޯއަކަށް ހުއްޓިވަޑައިގެން / ފޮޓޯޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޒުވާން ޖީލު، ގައުމަށްޓަކައި އާ ކޮންމެވެސް ސިނާއަތެއް، އުފެއްދުމެއް ނުވަތަ އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރެއްވުމަށާއި، މުޅި ދިވެހި ގައުމަށް ބޭނުންތެރި މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފެށުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ފަތުރުވެރިކަން އުފަން ކުރެއްވުމުގައި، އަދި ފަތުރުވެރިކަން ތަރައްގީކުރެއްވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި ޖުމްލަކޮށް ފަތުރުވެރިކަން ތަރައްޤީކުރަން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ގޮތުން މިއަދު ރާއްޖެ ފޯރާފައިވާ އައްސޭރިއަށް، މި ގައުމާއިގެން ދިވެހިންނަށް އާދެވުނީ، އެ ބޭފުޅުން އެދުވަހު ކެރިވަޑައިގެން އެބޭފުޅުންނަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލެއްވުމުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވިދާޅުވީ "ތަކުރާރުކޮށް އެ ވާހަކަ ދެކެވުނަސް، މިރޭ ވެސް އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ، އެ ބޭފުޅުންގެ އެ މަސައްކަތަށް ޝުކުރު ދެންނެވުން" ކަމުގައެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހިރާއްޖެއަކީ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން މެދު ފަންތީގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް ކަމަށެވެ. އަދި އެކަމަށްޓަކައި، ރިސޯޓްތަކުގެ ވެރިންނަށާއި، ރިސޯޓް އޮޕަރޭޓަރުން އަދި ގެސްޓް ހައުސް ހިންގަވާ ބޭފުޅުންނަށާއި، ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި، ޑައިވް ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވެވިއެވެ.

އަދި ޓްރެވަލް އޭޖެންޓުންނަށާއި ފަތުރުވެރިންނަށް ހިދުމަތް ދޭ ފަންނާނުންނާއި، މިދާއިރާގެ ހުރިހާ މުވައްޒަފުންނާއި މި ސިނާއަތް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ޖަމްޢިއްޔާތައް ވެސް ޝާމިލުކޮށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ހަފްލާގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވާހެން 77 ބޭފުޅަކަށް "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ހަވާލުކޮށްދެއްވާފައެވެ. އަދި މި ހަފްލާގައި ރައީސްއަށް މިނިސްޓާ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިން އަކީ ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ރަސްމީކޮށް ބާއްވާ އެންމެ ފަހު ހަފްލާއެވެ. މި ހަފްލާގެ ބޭނުމަކީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، އެކި ރޮނގުރޮނގުން މަސައްކަތްކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމެވެ.