އުމުރުން ހަތަރު މަހުގެ މިކްޔަލް ޝަހީދު އަލީ، ހާލު ދެރަވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުން އަންނަތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ތުއްތު ކުއްޖާ ރާއްޖެއިން ބޭރަށް ފަރުވާއަށް ދާން ޖެހިފައި ވާއިރު، ވެންޓިލޭޓަރެއް ނެތް ކަމަށް ބުނެ، ޕަންޕް މެޝިންގައި ގެންދިއުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދީފައި ވާތީ އެ އާއިލާއިން ވަނީ އައިޖީއެމްއެޗަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ހަތަރު މަހުގެ މިކްޔަލް އުފަންވީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެ ކުއްޖާ އުފަންވި އިރު އެއްވެސް މައްސަލައެއް ހުރިކަމަށް ޑޮކްޓަރުން ބުނެފައެއް ނުވެއެވެ. ނަމަވެސް ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ކުއްޖާގެ ލޮލާއި މުޅި ހަށިގަނޑު ރީނދޫ ވަމުން އަންނަ ކަން ފާހަގަ ވެގެން އެކި ފަހަރު މަތިން ޑޮކްޓަރަށް ދެއްކި ކަމަށް އާއިލާއިން ބުނެއެވެ.

އެއާއެކު ހޮސްޕިޓަލުން ބުނިކަމަށް އާއިލާއިން ބުނީ، ރީނދޫވުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަން ރަނގަޅު ވެދާނެ ކަމަށެވެ. ކުއްޖާ ހޮސްޕިޓަލުން ދޫކުރި އިރު ވެސް ހަށިގަނޑާއި ލޮލުގައިވާ ރީނދޫ ކުލައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ އޭގެ ދެ ދުވަސް ފަހުން ކްލިނިކަކުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަކަށް ދެއްކި ކަމަށާއި އެ ތަނުން ބެލި ޑޮކްޓަރު ވިދާޅުވެފައި ވަނީ ކުއްޖާއަށް ފީޑް ކުރާ އަދަދު އިތުރު ކުރުމުން ރަނގަޅު ވެދާނެ ކަމަށެވެ.

ހެދި ޓެސްޓުތަކުގެ ނަތީޖާ: ކުއްޖާގެ ލިވާގެ މައްސަލަ

ކުއްޖާގެ އުމުރުން ދެ މަސްވެގެން ދިޔަ އިރުވެސް ލޮލާއި ހަށިގަނޑުގައިވާ ރީނދޫ ކުލައަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އަނެއްކާވެސް ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދަން ބޭނުންވާ ކަމަށް ބުނެ އެ އާއިލާ އިން އާދޭސް ކުރުމުން ވަނީ ޓެސްޓުތައް ހަދާފައެވެ. އެ ޓެސްޓްގެ ނަތީޖާއިން އެނގުނު ގޮތުގައި ކުއްޖާގެ ލިވާގައި ސީރިއަސް މައްސަލަތަކެއް ވަނީ ފާހަގަ ވެފައެވެ. އެހެންކަމުން ޑޮކްޓަރު ލަފާ ދެއްވީ ވީހާ ވެސް އަވަހަށް އިންޑިއާއަށް ދިއުމަށެވެ.

މިކްޔަލް ގޮވައިގެން އެ އާއިލާ އިންޑިއާއަށް ފުރީ އާސަންދަ ވެސް ހަމަޖެހިގެންނެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ވަނީ "ކަސާއީ ޕޯޓޮއެންޓެރަސްޓޮމީ" ކިޔާ ސާޖަރީއެއް ހަދާފައެވެ. އެ ސާޖަރީއަށް ފަހު އިންޑިއާގައި އެއް މަސް ދުވަސް މަޑުކުރުމަށް ފަހު ރާއްޖެ އައިތާ މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް ކުއްޖާގެ ހާލަތު ގޯސްވެ ޑޮކްޓަރަށް ދެއްކިއެވެ. އެގޮތުން މިހާރު އެ ކުއްޖާ ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓް ކޮށްފައެވެ.

އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ލިޔުމެއް

"ކުޑަކުއްޖަކާ އެކީ ގެންދެވޭނެ ވެންޓިލޭޓަރެއް ނެތް، އެއަށް ލައްވާނެ ޓިއުބެއް ވެސް ނެތް"

އައިޖީއެމްއެޗްގައި ފަހުން ފަރުވާ ދިން އިރު ކުއްޖާއަށް ވަމުންދާ ގޮތުގެ ތަފްސީލާއި އަދި ކުއްޖާއަށް ދޭ ޓްރީޓްމަންޓްތަކުގެ ތަފްސީލްތައް ރަނގަޅަށް ނުދޭ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެގޮތުން ކުއްޖާ ފަރުވާ ދިން އިރު އެންޓިބައޮޓިކްސް ދިނުމުން ކުއްޖާގެ ހާލު ސީރިއަސް ވި ކަމަށާއި އެހެންވެ އަމްރިތާއިން އެކުއްޖާއަށް ފަރުވާ ދިން ޑޮކްޓަރާ މުއާމަލާތް ކުރުމުން އެ ޑޮކްޓަރު ބޭސް ލިޔުއްވާފައި ދެއްވި ކަމަށް އާއިލާއިން ބުނެއެވެ. އެ ބޭސް ދިނުމަށް އާދޭހާއެކު އައިޖީއެމްއެޗްގައި އެދުމުން އެ ކުއްޖާއަށް އެ ބޭސްތައް ދިން ކަމަށާއި އޭރު އެ ކުއްޖާގެ ހާލު ކުޑަކޮށް ރަނގަޅުވި ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް އަނެއްކާވެސް ފަހުން އެ ކުއްޖާއަށް އެންޓިބައޮޓިކްސް ދިނުމުން ކުއްޖާގެ ހާލު ދަށަށް ދިޔަ ކަމަށް އާއިލާއިން ބުނެއެވެ.

"ފުރަން ތައްޔާރުވެފައި އޮއްވާ އިންޑިއާގަ ހުރި ޑޮކްޓަރު ވިދާޅުވި މިކޮޅުގައި ތިބި ޑޮކްޓަރުން ކައިރީ ބުނާށޭ އެންޑޮސްކޮޕީއެއް ހަދާށޭ. އަދި އަދަށް ވެސް އެންޑޯސްކޮޕީއެއް ހަދައެއް ނުދެޔޭ. އެ ޑޮކްޓަރު ބުނީ މިހާރު އެންޑޮސްކޮޕީ ހެދީމަ އިނގޭނޭ މިހާރު އެކުއްޖާގެ އެތެރެ ހަށީގެ ހާލަތު ހުރި ގޮތެއް. އެކަމަށް އެދިގެން އަޅުގަނޑުމެން ބުނީމަ އައިޖީއެމްއެޗުން ބުނީ މިހާރު ބްލީޑެއް ނުވެޔޯ. އެންޑޮސްކޮޕީ ހަދާނެ ކަމެއް ނެތޭ"
މިކްޔަލްގެ އާއިލާ

އިންޑިއާގައި މިކްޔަލްގެ ސާޖަރީ ހެދި ޑޮކްޓަރު ވަނީ މިހާރު މިކްޔަލްގެ ހާލު ހުރި ގޮތް ބެލުމަށް އެންޑޮސްކޮޕީއެއް ހެދުމަށް އެދިފައެވެ. އާއިލާއިން އައިޖީއެމްއެޗްގައި އެންޑޮސްކޮޕީއެއް ހެދުމަށް އެދުނު ކަމަށާއި އަދި މިއަދާ ހަމައަށް އައި އިރު ވެސް އެންޑޮސްކޮޕީއެއް ހަދާފައި ނުވާ ކަަމަށް އާއިލާއިން ބުނެއެވެ. އައިޖީއެމްއެޗް އިން ބުނީ މިހާރު ކުއްޖާ އިންޓާނަލް ބްލީޑް ނުވާ ކަމަށާއި އެންޑޮސްކޮޕީ ހަދަން ނުޖެހޭނެ ކަމަށެވެ.

ކުއްޖާގެ ހާލު ސީރިއަސް ވެގެން އައި އިރު، އެ ކުއްޖާ ދުޅަވެ އެތެރެ ހައްޓަށް ލޭ އެޅި ބަނޑު ވަރަށް ބޮޑަށް ފުއްޕާ ބަނޑުގައި ފެންހެދެން މެދުވެރި ކަމަށް ޑޮޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ. މިހާ ހިސާބަށް ދިއުމުން އައިޖީއެމްއެޗުން ބެލި ޑޮކްޓަރުން ވަނީ ކުއްޖާގެ ބަނޑަށް ހޮޅިއެއް ލައްވައިގެން ބަނޑުގައި ހެދިފައި ހުރި ފެން ބޭރު ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ފަރުވާ އެއް ނުކުރެއެވެ. އެއަށް ފަހު ދެން އައިޖީއެމްއެޗުން ލަފާ ދިނީ އަވަހަށް ބޭރަށް ފުރުމަށެވެ. ނަމަވެސް ބޭރަށް ފުރަން ޖެހޭނީ ޕަންޕް މެޝިނުގައި ކަމަށާއި ފުރާ އިރު، ކުޑަކުއްޖަކަށް ގުޅާދޭ ވެންޓިލޭޓަރު އެ ހޮސްޕިޓަލުގައި ނެތް ކަމަށާއި އަދި އެއަށް ލައްވާ ހޮޅި ވެސް ނެތް ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށް އާއިލާއިން ބުނެއެވެ.

https://www.facebook.com/aishath.saadha/posts/pfbid02ysw9hbVaXoVhbgeWJ2R3P5Bz3XwFdpYBDiUnU6GF9g64oBcdq1XETtqaQVGCA372l

އެހިސާބުން އާއިލާއިން ޓްރީޓޮޕް އާ މުއާމަލާތް ކުރިއެވެ. ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގައި ތުއްތު ކުދިންނަށް ގުޅޭ ވެންޓިލޭޓަރު ހުރި ކަމަށާއި އެމީހުން ވެންޓިލޭޓަރު ހޯދީ އައިޖީއެމްއެޗުން ކަމަށެވެ. އަދި ބޭރަށް ފުރުމުގެ ކަންކަން ހަމަޖައްސަން އާސަންދައަށް ދިއުމުން އާސަންދައިން ވެސް ބުނެފައި ވަނީ އައިޖީއެމްއެޗްގައި ތުއްތު ކުދިން ފުރުވާލާއިރު ގުޅާނެ ވެންޓިލޭޓަރު ހުންނާނެ ކަމަށާއި މީގެ ކުރިން ވެސް ތުއްތު ކުދިން ވެންޓިލޭޓަރުގައި ރާއްޖެއިން ބޭރަށް ފޮނުވާފައި ވާނެ ކަމަށެވެ.

މި ހިސާބަށް ކަންތައް ދިއުމުން ދެން ހެލްތް މިނިސްޓްރީއާ ހަމައަށް އެ މައްސަލަ ގެންދިޔަ ކަމަށާއި އައިޖީއެމްއެޗްގެ މެނޭޖްމަންޓަށް ވެސް މައްސަލަ ޖައްސާފައިވާނެ ކަމަށް އާއިލާއިން ބުނެއެވެ. އެގޮތުން ތުއްތު ކުދިން ފުރުވާލަާއިރު ގުޅައިދޭ ދެ ވެންޓިލޭޓަރެއް ޓެސްޓު ކުރި ކަމަށާއި މިކްޔަލް އަށް އެ ވެންޓިލޭޓަރު ހެޔޮވަރު ނޫން ކަމަށް އައިޖީއެމްއެޗާ ހަވާލާދީ މިނިސްޓްރީން ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް އެއިން ވެންޓިލޭޓަރެއް އެކުއްޖާއަށް ހެޔޮވަރުތޯ ބަލާފައިވާ ކަމަށް މީގެ ކުރިން އައިޖީއެމްއެޗް އިން އާއިލާއަށް އަންގާފައި ނުވާ ކަމަށް އާއިލާއިން ބުނެއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ދީފައިވާ ލިޔުމެއް

މިކްޔަލްއަށް ގުޅޭނެ ވެންޓިލޭޓަރެއް ނެތް ކަމަށް ބުނެ ފުރުން ލަސް ކުރެވޭކަށް އެ އާއިލާއަކަށް ނެތެވެ. އެހެންކަމުން މިހާރު ޕަންޕް މެޝިނުގައި އެކުއްޖާ ގޮވައިގެން ދާން އާއިލާއިން އެއްބަސްވެ އަންނަ ބުރާސްފަތީގައި އިންޑިއާއަށް ފުރުން ވަނީ ހަމަޖެހިފައެވެ. އަދި މިއީ ރާއްޖޭގެ މައި ހޮސްޕިޓަލުގެ ހާލަތު ކަމަށާއި މިއީ ވަރަށް ދެރަ މައްސަލައެއް ކަމަށް އެ އާއިލާއިން ވަނީ ބުނެއެވެ.

މި ތުއްތު ކުއްޖާގެ އާއިލާގެ ކަންބޮޑުވުންތަކާ ގުޅިގެން، ހޮސްޕިޓަލްގެ ބަހެއް ހޯދުމަށް އެދުމުން، އާޓިކަލް ޕަބްލިޝް ކުރުމާ ހަމައަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އާއިލާއިން އެދެނީ ތުއްތު މިކްޔަލް އަށް ތިޔަ އެންމެހާ ކިޔުންތެރިން ހެޔޮ ދުއާ ކޮށްދިނުމަށެވެ. 'ދަ ޕްރެސް' ގެ ދުއާއަކީ މިކްޔަލް ޝަހީދު އަލީ އަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.