މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހދ. ކުޅުދުއްފުށީގެ ހުކުރު މިސްކިތައް ގެއްލުން ދީފިއެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މިސްކިތައް ގެއްލުން ދީފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މިގޮތުން މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައްޗަށް ފެންހޮޅިއެއް ދޫކޮށްލުމާއި ތަޅުމުގައި އެކި އެއްޗެހި ލިޔެ ތަޅުން ހަލާކުކޮށްލާފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް އިތުރަށް ވިދާޅުވީ، މަދު ފަރާތްތަކެއްގެ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންވެ، ރަށުގެ ތަރައްގީއަށް ހުރަސްއެޅެމުންދާ ކަމަަށެވެ.

ކިތަންމެ ވަރަކަށް މިފަދަ އަމަލުތައް ހިންގިކަމުގައިވިޔަސް، ރަށުގެ ތަރައްގީ އާއި ރައްޔިތުންގެ ހެވާލާބައަަށް މަސައްކަތްކުރުންމަތީ ސިޓީ ކައުންސިލް ދެމި އޮންނާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ކޮންބަޔަކު ކުރި ކަމެއް ކަން ނޭންގޭއިރު މި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.