ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި އެތަނުން ވައްކަން ކުރި މީޙަކު ހައްޔަރު ކޮށްފިއެވެ.

ޕީއެސްއެމް އިން ބުނީ، ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ފަޅާލައި ވައްކަން ކޮށްފައި ވަނީ މިދިތަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށާއި ވައްކަން ކުރަން ވަން މީހާ އެތަނުގެ ސީސީޓީވީ ކެމެރާތަކަށް ވަނީ އަރާފައި ކަމަށެވެ.

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ވަގަށް ނަގާފައި ވަނީ، ލެޕްޓޮޕަކާއި، ޕްރިންޓަރަކާއި، ޓީވީއެއް އަދި ބޭނުން ނުކޮށް ހުރި އާ އޭސީއެކެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ. އެއާއެކު މި މައްސަލައިގެ ތަހުގީގު ހިތަދޫ ޕޮލިސް ސްޓޭޝަނުން ފެށިއެވެ. އަދި މިއަދުގެ ވަގުތެއްގައި ވައްކަމުގެ ތުހުމަތު ކުރެވޭ 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

މި ފަހަކަށް އައިސް އައްޑޫގައި ވައްކަމުގެ މައްސަލަތައް ގިނަ ވަމުން އަންނަ ކަން ވަނީ ފާޙަގަ ކުރެވިފައެވެ. އެ ގޮތުން ދުވާލުގެ ވަގުތުތަކުގައި ވެސް ވައްކަން ކުރާ ކަން ވަނީ ފާޙަގަ ކުރެވިފައެވެ. މި ފަދަ މައްސަލަތައް އިތުރުވަމުން އަންނާތީ ފުލުހުން ވަނީ އާންމުން ހޭލުންތެރިކުރުވުމަށް ވެސް ހަރަކާތްތަކެއް ބާއްވާފައެވެ.