ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް މުރާޖައާކޮށް، ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމާ ގުޅޭ މަޝްވަރާތައް މިއަދު ފަށައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބަންޑާރަނައިބުގެ އޮފީހުން ބުނީ، ޖޭއެސްސީ އާއި ކަމާބެހޭ ފަރާތްތަކާ އެކު، ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖައާކޮށް އިސްލާހުކުރުމާ ބެހޭ ބިލު އެކުލަވާލުމަށް ބޭނުންވާ މަޝްވަރާ ހޯދުމަށްޓަކައި ބައްދަލުވުން ބާއްވާނެ ކަމަށެވެ.

ހަމަ އެއާއެކު، ޖޭއެސްސީ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކަމާބެހޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކުރުމަށް ފަހު އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، މި ދައުރުގެ މަޖިލިހަށް ހުށަހަޅާނެ ކަމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އެ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ ގާނޫނު އިސްލާހުކުރުމަށްޓަކާ ކުރިއަށް ގެންދާ މަޝްވަރާތައް މިއަދު ފަށާފައިވާ ކަމަށެވެ. މިއަދު ބައްދަލުވުންތައް ފެށިއިރު، ބަންޑާރަނައިބުގެ އޮފީހުން އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ ސުޕްރީމް ކޯޓާއި ޖޭއެސްސީ އާ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން މިއަދު ބައްދަލުވުންތައް ފެށިއިރު، އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރާ ގޮތް ބަދަލުކުރުމަށް އިދިކޮޅު ކޯލިޝަން ތަމްސީލުކުރައްވާ މަހިބަދޫ ދާއިރާގެ އަހްމަދު ތޯރިގު ވަނީ ތިން ފަހަރެއްގެ މަތިން އިސްލާހު ހުށަހަޅުއްވައިފައެވެ. އެ އިސްލާހު ތިން ފަހަރު ބޭރު ކޮށްލި ނަމަވެސް، ދެވަނަ ފަހަރަށް ތޯރިގު އެ އިސްލާހު ހުށަހެޅުއްވުމުން މަޖިލިހަށް ބަލައިގަނެ، އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ގާނޫނުއަސާސީގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް

  • ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކުން އިންތިހާބުކުރާ ތިން ފަނޑިޔާރުން
  • ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް
  • ބަންޑާރަނައިބު
  • މަޖިލީހުގެ ރައީސް
  • މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް
  • އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހެއް
  • ރައީސް އައްޔަންކުރައްވާ މީހެއް

މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ސިޔާސީ ނުފޫޒުން އެތަން އެއްކިބާ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.