ނިމިދިޔަ ހަފްތާ ބަންދުގައި އިންޑޮނީޝިއާގެ ޖާވާގައި ކުޅުނު ފްޓްބޯލަ މެޗެއްގައި ހިނގި ހަމަނުޖެހުމުގައި މަރުވި މީހުންގެ ތެރޭގައި 17 ކުޑަކުދިން ހިމެނޭ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އަރޭމާ އެފްސީ އާއި ޕާސެބަޔާ ސުރަބަޔާ އާ ދެމެދު ކުޅުނު ފްޓްބޯޅަ މެޗުން އަރޭމާ ބަލިވުމާއެކު ސަޕޯޓަރުން ދަނޑަށް އަރައިގަތުމުން ހިނގި ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 129 އަށް އަރާ ކަމަށް ކުރިން ބުނި ނަމަވެސް މިހާރު އޮފިޝަލުން ބުނަނީ މަރުވި ކަމަށް ލިސްޓް ކުރެވިފައި ވަނީ 125 މީހުން ކަމަށެވެ. މީގެ ތެރޭގައި 17 ކުޑަކުދިން ހިމެނޭ އިރު އިތުރު 7 ކުއްޖަކަށް ފަރުވާ ދެމުން ދާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އެ މެޗް ނިމުގެ ވަގުތު ސަޕޯޓަރުން ދަނޑަށް އަރައިގަތުމާއެކު ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ. އެއާއެކު ގިނަ އަދަދެއްގެ ސްޕޯޓަރުން ދަނޑުން ނުކުތުމަށް ދުއްވައިގަތުމުން ގޭޓުގައި ތޮއްޖެހި އެކްސިޖަން ހުއްސެ ގިނަ ބަޔަކު މަރުވީއެވެ. އަދި ޕެޕޭ ސްޕްރޭގެ ސަބަބުން ނޭވާ ކުރުވެ ހާސްވެގެންވެސް ބައެއް މީހުން މަރުވިއެވެ. ދަނޑުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް 4000 އެއްހާ މީހުން ކުޅިބަލަން ތިބި އިތު އޭގެ ތެރެއިން 3000 އެއްހާ މީހުން ދަނޑަށް އަރައިގަން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ފުލުހުންނާ ކުރިމަތިލާ މާރާމާރީ ހިންގާފައި ވާ އިރު، މަރުވި މީހުންގެ ތެރޭގައި 2 ފުލުހަކުވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އާ ގުޅިގެން އިންޑޮނީޝިއާގެ އެންމެ ބޮޑު ލީގް، ލީގާ 1 ގެ ހުރިހާ މެޗެއް ހުއްޓާލައި މައްސަލަ ތަހުގީގު ކުރަން އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ގޮވާލައްފާވައެވެ. ވީޑިއޯ ތަކުން ފެންނަގޮތުން، މެޗް ނިންމާލަން ރެފްރީ ކަށިގަނޑު ފުމެލުމާއެކު ސަޕޯޓަރުންތައް ދަނޑަށް އަރައިގަނެއެވެ. އެއާއެކު ސެކިއުރިޓީ ބަލަހައްޓާ ފުލުހުން، ތަނެއް ދޮރެއް ނުފެންނަ ވަރަށް ޕެޕާ ސްޕްރޭ ޖަހައެވެ.

ހަބަރުތައް ބުނާ ގޮތުން، މަރުވި މީހުންގެ ތެރޭގައި ދަނޑުމަތީގައި ނޭވާ ހާސްވެގެން މަރުވި މީހުންވެސް ހިމެނެއެވެ.

ފުލުހުންގެ ޗީފް ނިކޯ އަފިންޓާ ވިދާޅުވީ، ސަޕޯޓަރުން ދަނޑަށް އަރައިގަނެ ފުލުހުންނަށް ހަމަލާ ދިނުމުގެ އިތުރުން ފުލުހުންގެ ވެހިކަލްތައްވެސް ހަލާކު ކޮށްލާފައި ވާ ކަމަށެވެ.

މި ކަމާ ގުޅިގެން ފީފާއިން ބުނީ، ސަޕޯޓަރުން މައިތިރި ކުރަން ފުލުހުންވެސް، އަދި އެހީތެރިންވެސް ކަރުނަގޭސް ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. މިއާއެކު އިންޑޮނީޝިއާގެ ފްޓްބޯޅަ އެސޯސިއޭޝަން އިން ބުނީ، ހިނގާ ދިޔައީ އިންޑޮނީޝިއާގެ މޫނުމަތީގައި ކަޅު ލައްގަނޑެއް ޖެހިގެން ދިޔަ ހާދިސާއެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

އަރޭމާ އެފްސީ އާއި ޕާސެބަޔާ ސުރަބަޔާއަކީ ޒަމާންވީ ވާދަވެރިކަމަކާއި ރުޅިވެރިކަމެއް އޮންނަ 2 ޓީމެވެ. މި ދެޓީމުގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުން ހިނގާނެ ކަމަށް ކުރިންސުރެ ބެލެވިފައި އޮތުމުން، ޕާސެބަޔާ ސުރަބަޔާގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކުންވެސް އޮތީ މަނާ ކޮށްފައެވެ. ނަމަވެސް 38،000 މީހުންގެ ޖާކަ އޮތް ދަނޑަށް 42،000 މީހަކު ވަދެ ތިބިކަމަށް އޮފިޝަލުން ބުނެއެވެ.

ކުޅިވަރުގެ ވާދަވެރިކަމުގައި މީގެ ކުރިންވެސް މިބާވަތުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން 1964 ވަނަ އަހަރު އޮތް އޮލިމްޕިކް ކޮލިފައިންގައި އާޖެންޓީނާ އާއި ޕެރޫ ބައްދަލު ކުރި މެޗްގައިވެސް ހަމަނުޖެހުން ހިނގައި 320 މީހަކު މަރުވިއެވެ. އަދި 1989 ވަނަ އަހަރު އިނގިރޭސި ލިވަޕޫލް ފޭނުންގެ 97 މީހަކު ފިތިގެން މަރުވި ހާދިސާއެއް ހިލްސްބަރީ ސްޓޭޑިއަމްގައި ހިނގާފައިވެސް ވެއެވެ.