ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ މަގްބޫލު ޑްރާމާ ސިލްސިލާ "އަނުޕަމާ" ގެ އެންމެ ފަހުގެ އެޕިސޯޑުތައް ވަރަށް ޝައުގުވެރިއެވެ.
ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކިބައިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނިކޮށްގެންނެވެ. އަނުޕަމާ އާއި އަނުޖް ވަނީ މިހާރު ކުއްޖަކު ވެސް ފޮސްޓާކޮށްފައެވެ. ފަހު އެޕިސޯޑުތަކުގައި އަނުޕަމާގެ ކުރީގެ ކައިވެނީގައި ކަންތައްތައް ވެދިޔަ ގޮތް ތަކުރާރުވަމުން ދިޔައީ އަނުޕަމާ އާއި ވަންރާޖްގެ ދަރި އާޝިޝް (ޕަރިތޯޝް) އާއި ނިދީ ޝާހް (ކިންޖަލް) ގެ ކައިވެނީގައެވެ.
ކިންޖަލް ބަނޑުބޮޑުވެގެން ވިހަން ގާތްވެފައި ހުއްޓާ ޕަރިތޯޝް އެހެން އަންހެނެއްގެ ގާތަށް ދިޔަ ކަން އެންމެ ފުރަތަމަ އެނގުނީ ކިންޖަލްގެ މަންމަ ތަސްނިމް ޝޭހް (ރާކީ) އަށެވެ. އެކަން އޭނާއަށް އެނގުމުން ކިންޖަލް އާއި މެދު ވިސްނުމަށްފަހު އެކަން އޭނާ އެންމެންނަށް ސިއްރުކުރެއެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ކިންޖަލް ވިހައި ގެއަށް ބަދަލުވުމަށްފަހު އަނުޕަމާ އަށް އޭނާގެ ދަރި ޕަރިތޯޝް ކުރި ކަން ފަޅާ އަރައެވެ. އެއާއެކު އާއިލާގެ އެންމެންނަށް އަނުޕަމާ އެކަން ހާމަކުރެއެވެ.
ޕަރިތޯޝްގެ ސިއްރު އެންމެންނަށް ފަޅާއެރުމުން އެންމެ ހައިރާންކަން ލިބުނީ އޭނާގެ ބައްޕަ ވަންރާޖް ޝާހްއަށެވެ. ވަންރާޖް އަބަދުވެސް ބޭނުންވީ ޕަރިތޯޝް ގައިގައި އޭނާގެ ގައިގައި ހުންނަ ސިފަތައް ހުންނާށެވެ. ނަމަވެސް ބޭވަފާތެރިވުމާއި އޭނާގެ ރުޅިގަނޑު ފިޔަވައެވެ. ޕަރިތޯޝް، ކިންޖަލް އަށް ބޭވަފާތެރިވި ކަން އެނގުނު ހިސާބުން ކިންޖަލް އެގެއިން ނުކުމެ އަނުޕަމާގެ ގެއަށް ދެއެވެ. ނަމަވެސް ވަންރާޖް އާއި އޭނާގެ މަންމަ އަލްޕަނާ (ލީލާ) ކިންޖަލްގެ ބޮލަށް އެރި ކިންޖަލް އެނބުރި އޭނާގެ ގެއަށް ގެނެއެވެ.
ނަމަވެސް ކިންޖަލް އެކަންވީ ބަރުދާސްތުކުރުން ދަތި ބޮޑު ވޭނަކަށެވެ. ސަބަބަކީ އޭނާ ކޮންމެ ދުވަހަކު ޕަރިތޯޝް އާއި ކުރިމަތިލާން ޖެހޭނެތީއެވެ. އެންމެފަހުން ކިންޖަލް އޭނާގެ ނިންމުން އެންމެންނަށް އިއްވައެވެ. ބޭނުންވަނީ ޕަރިތޯޝްގެ ކިބައިން ސަލާމަތްވެ ވަރިވާން ކަމަށް އޭނާ ހާމަކުރެއެވެ. އެ ހަބަރު އަޑުއިވުމާއެކު ލީލާ ހީވީ މޮޔަވި ހެންނެވެ. މާމަ ދަރި ޕަރިތޯޝް ކުރި ކަންތައްތަކަށް މައާފްކޮށް އޭނާ އާއެކު އުޅުމަށް ކިންޖަލް ގާތު އާދޭސްކުރެއެވެ. އަދި ކިންޖަލް އެހާ ބޮޑު ނިންމުމެއް ނިންމީ އަނުޕަމާ ކިންޖަލް ގެ ބޮލަށް އެރިގެން ކަމަށް ނިންމާ އަނުޕަމާ އާއި ދިމާއަށް ލީލާ ވަރަށް ހަޅޭއްލަވައެވެ. ނަމަވެސް ކިންޖަލް ވަނީ އެއޮށް ވަރުގަދަ ލީލާގެ އަނގަ މައިތިރިކޮށްލާފައެވެ.
ޕަރިތޯޝް އޭނާގެ މަންމަ ދެކެ ރުޅިއައި ވަރުން އޭނާ ބޭނުންވީ މަންމަ އަނުޕަމާގެ އާއިލާވެސް ފުޑުފުޑުކޮށްލާށެވެ. ޕަރިތޯޝް ދެކޭ ގޮތުގައި އޭނާގެ އާއިލާ ހަލާކުކޮށްލީ އަނުޕަމާއެވެ. އެހެން ޕަރިތޯޝް ވަނީ އަނުޕަމާ އާއި އަނުޖް ފޮސްޓާކުރި ކުއްޖާ ކުރިން ހަވާލުވެ ހުރި ތަނަށް ގުޅާ އެމީހުން އެކުއްޖާ އަށް އަޅާ ނުލައި މައްސަލައެއް ރިޕޯޓްކޮށްފައެވެ. ރޭގެ އެޕިސޯޑު ނިމިގެންދިޔައި ކުރިން ކުއްޖާ ހަވާލުވެ ހުރި ތަނުގެ ބޮޑުން އަނުޕަމާ އާއި އަނުޖް އަތުން އެދެމީހުންގެ ދަރިފުޅު އަތުލަން އަންނަ ތަނުންނެވެ.
އަދި މިރޭގެ އެޕިސޯޑުގައި ޕަރިތޯޝް އޭނާގެ ދަރިފުޅު ވަގަން ނަގާ މަންޒަރު ފެނިގެންދާނެއެވެ. އެއާއެކު ކިންޖަލް ފުލުހުންނަށް ކިޑްނެޕިންގެ މައްސަލަ އެއް ޕަރިތޯޝްގެ މައްޗަށް ތުހުމަތުކުރާ މަންޒަރު ފެނިގެންދާނެއެވެ.