އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު މިއަދުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ނަންބަރު ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އަންގާފައިވާއިރު މިއަދުގެ ނިޔަލަށް ބޯޑުތައް ގަވާއިދާ އެއްގޮތަށް ބަދަލުނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ އަންގާފައެވެ.
ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުން ކަމަށްވާއިރު ނަންބަރު ބޯޑު ހަރުކުރުމަށް ޖަަހައިފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ ވެސް މަނާކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމެކެވެ.
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމަކަށްވާއިރު ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ.
ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ކަމަށް ވާއިރު އެ ނޫން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.
މީގެ އިތުރުން އެ ނޫން ކުލަތަކާއި ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާ ކަމެއް ކަމަށް "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގައި ބުނެފައިވެއެވެ.
އަކުރުތަކުގެ ސައިޒު ހުންނަން ވާނެ ގޮތް:
- ކާރުގެ ކުރި / ފަހަތް: މަތީގައިވާ ނަންބަރު (35 މިލިމީޓަރު)، ތިރީގައިވާ ނަންބަރު (55 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (28 ސެންޓިމީޓަރު)، ބޯޑުގެ ދިގުމިން (16 ސެންޓިމީޓަރު)
- ސައިކަލުގެ ކުރި: މަތީގައިވާ ނަންބަރު (15 މިލިމީޓަރު)، ތިރީގައިވާ ނަންބަރު (25 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (13.5 ސެންޓިމީޓަރު)، ބޯޑުގެ ދިގުމިން (އަށް ސެންޓިމީޓަރު)
- ސައިކަލުގެ ފަހަތް: މަތީގައިވާ ނަންބަރު (ދެ ސެންޓިމީޓަރު)، ތިރީގައިވާ ނަންބަރު (35 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (18 ސެންޓިމީޓަރު)، ބޯޑުގެ ދިގުމުން (11 ސެންޓިމީޓަރު)
ފުލުހުން މީގެ ކުރިން ވަނީ މިއަދުގެ ނިޔަލަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ނަސޭހަތްތެރިވަމުންދާނެ ކަމަށާއި މިއަދުން ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ބުނެފައެވެ.