ފިހުހު އެކަޑެމީ އެކުލަވާލެވެންދެން ފަތުވާ މަޖިލިހުގެ މަސައްކަތް ކުރާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ޔޯގާގެ މައްސަލައިގައި ސުވާލު އުފެދިފައި އޮއްވާ ފަތުވާ މަޖިލިހުގެ ރައުޔެއް ހޯދާފައި ނެތުމާއި، އިސްލާމިކް މިނިސްޓްރީން އިޖުރާއަތާ ހިލާފަށް ފުލުހުންނަށް ސިޓީ އެއް ފޮނުވި މައްސަލަ ބަލަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ މަޖިލީހުގެ ކޮމިޓީ އަށް، މިނިސްޓަރާއި އިސް އިސްލާމިކް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ހާޒިރުކުރިއެވެ.

ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ސިޓީ އަކީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފޮނުވާފައިވާ ސިޓީ އެއް ކަމަށެވެ.

"ފުރަތަމަ އެ ސިޓީ އަކީ ޕޮލިހާއި އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފޮނުވާފަ އޮތް ސިޓީ އެއް، އެ ސިޓީގައި އިސްލާމިކް މިނިސްޓްރީން ވާނެ ޑޮކިއުމެންޓުތަކެއް އެޓޭޗް ކޮށްފަ."

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ސިޓީ ފުލުހުންނަށް ފޮނުވާފައި ވަނީ ޓެލެގްރާމްގައި އާންމުންގެ ބަޔަކު ޔޯގާ އިސްތިހާރުކޮށްގެން، ފުލުހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އަދި އެފަދަ ކަމެއް ތަކުރާރުނުކުރުމަށްޓަކައި އެސްއޯޕީ އެއް ހަދައި މިނިސްޓްރީން އެއަށް އަމަލުކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެސްއޯޕީގައި ވާ ގޮތުން:

  • މިނިސްޓްރީ އަށް މައްސަލަ އައުމުން އެ މައްސަލައެއް ދާނީ ސީދާ މިނިސްޓަރަށް
  • ހައްސާސް ކަމަކަށް ވާނަމަ، ފަތުވާ ނުވަތަ ރައުޔެއް ހޯދަން ޖެހޭ އެއްޗެއް ނަމަ، އެކަމަށް މިނިސްޓަރަކު ކަނޑައެޅުން
  • އަދި އެ ކަމަކަށް ފަތުވާ އެއް ދިނުން
  • މިނިސްޓަރަށް ނޭނގި ލަފަޔާ އެއްކޮށް ފޮނުވާނީ ދީނީ ސެކްޝަންގައި އިސްކޮށް ހުންނަވާ ސިޔާސީ ބޭފުޅަކަށް، އެކަމަކު މިނިސްޓަރުގެ ސޮޔާ އެއްކޮށް

"މިކަހަލަ ހިލާފީ މައްސަލައެއްގަ ފަތުވާ މަޖިލިހުގެ ރައުޔެއް ހޯދަފަ ޕަބްލިކަށް އާންމުކުރަން ވާނީ"

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަތުވާ މަޖިލިހެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ.

"ފަތުވާ މަޖިލިހެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަވާ. ފިގުހު އެކަޑެމީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ގެންދެވޭއިރު ވެސް ފަތުވާ މަޖިލިހަށް މެންބަރުން އައްުޔަނުކުރުން ކުރިއަށް ގެންދެވޭނެ."

އަދި ފިގުހު އެކަޑެމީ އެކުލަވާލުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް، ބަންޑާރަނައިބުގެ އޮފީހާއި ރައީސް އޮފީހާ ގުޅިގެން މަޝްވަރާކުރަމުން ދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ފަތުވާ މަޖިލިހަށް ވުރެ ފިގުހު އެކަޑެމީ މާ ރަނގަޅެވެ. ސަބަބަކީ ފިގުހު އެކަޑެމީގައި ގިނަ އިލްމުވެރިން ތިއްބަވާއިރު، ގިނަ ހިޔާލުތައް ލިބި، ދީނީ އިހްތިލާފުތައް ހުރި މައްސަލަތަކުގައި ރަނގަޅު ނަތީޖާ އެއް އަންނާނެތީއެވެ

ފަތުވާ މަޖިލީހުގައި އެއްވެސް މެމްބަރަކު ނެތް މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައި ވެއެވެ. ފަތުވާ މަޖިލިހެއް ނެތުމުން، ކުއްލި މައްސަލައެއް ވެސް އިދިކޮޅުން ހުށަހަޅާފައިވެއެވެ.

އެ މައްސަލައަކީ ހައްސާސީ މައްސަލައެއް ކަމަށާއި، ދީނީ ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ބޮޑެތި މައްސަލަތައް ޖެހި، އެފަދަ ކަންކަން ހިނގަމުންދާއިރު ފަތުވާ މަޖިލިހުގެ ބޭނުން ނުހިފާ ކަމަށާއި، އެހެންކަމުން އެ ކޮމިޓީ އަށް މެންބަރުން އައްޔަނުކުރުން އަވަސްކުރުމަށް ގޮވާލައި މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ބައެއް ކަންކަމުން މިސާލު ނަންގަވައި އާދަމް ޝަރީފް ވިދާޅުވީ، ބައެއް ހިލާފުތަކާ ގުޅިގެން އެކި ގޮތަށް އެކި ރައުޔު ނެރެމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ފަތުވާ މަޖިލިހެއް އޮތުމުން، އެ މައްސަލަތައް ހައްލުވެ، ގިނަ ބަޔަކަށް ދީނީ ކަންކަން އޮންނަ ގޮތް ގަބޫލުކުރަން ފަސޭހަވެގެން ދާނެ ކަމަށް، އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަތުވާދޭ މަޖިލީހުގެ މެމްބަރުންގެ ފަސް އަހަރުގެ ދައުރު ފުރިހަމަވެ، މިވަގުތު އެ މަޖިލިސް އޮތީ ހުސްކޮށެވެ.