ކޮވިޑް 19 ގެ ހާލަތުގައި ދުނިޔެ ތަޖުރިބާ ކުރި ފަދަ އިގްތިސޯދީ ހީނަރު ކަމެއް ބޯމަތިވަމުން އަންނަ ކަމަށް ތަޖުރިބާކާރުން އިންޒާރު ކޮށްފިއެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނާއި، އިގްތިސޯދީ ދާއިރާއިން ނޯބެލް އިމާނު ހޯއްދަވާފައިވާ ޕައުލް ކްރޫގްމަން ފަދަ ބޭފުޅުން އިންޒާރު ކޮށްފައި ވަނީ، ދުނިޔޭގެ މާލީ ނިޒާމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އެކި ބައްރު ތަކުގައި ހިނގަމުން އަންނަ ކަންކަމަށް ރިޔާއަތް ކޮށެވެ.

އިއްޔެ ވޯލްޑް އިކޮނޮމިކް ފޯރަމުން އާންމު ކުރި ސާވޭ އަކުން ދައްކާ ގޮތުން، ޕަބްލިކް އަދި ޕްރިވެޓް ސެކްޓާގައި އެންމެ އިސްކޮށް ހަރަކާތެރިވާ 10 އިކޮނޮމިސްޓުންގެ ތެރެއިން 7 ފަރާތުން ބުނެފައި ވަނީ ދުނިޔެ ދަތުރު ކުރަނީ އިގްތިސޯދީ ހީނަރު ކަމާ ދިމާއަށް ކަމަށެވެ.

އެއަށް ބާރު ލިބޭ އިތުރު ވާހަކައެއް، ގްލޯބަލް ރިސެސަން ޕްރޮބަބިލިޓީ މޮޑެލްގައި މަޝްހޫރު ނެޑް ޑޭވިސް ރިސާޗުން ވެސް ވަނީ ބުނެފައެވެ. އެ މީހުން ބުނެފައި ވާ ގޮތުން، ކޮވިޑްގެ ހާލަތުގައި އިގްތިސޯދީ ތަދުމަޑުކަން އަންނާނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ މަތިން އަންނަ އަހަރު ހީނަރުކަމާ ކުރިމަތިވާނެ ކަމުގެ 98 ޕަސެންޓް ޔަގީން ކުރެވޭ ކަމަށެވެ.

އިގުތިސޯދީ ހީނަރުކަމަށް ދުނިޔެ ދަތުކުރާ ބައެއް ކަންކަމަށް ބަލާ އިރު، ޔޫކްރައިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ސަޕްލައި ލައިނަށް ހުރަސްތައް ކުރިމަތިވެފައި ވުމާއި، ކޮވިޑާ އެކު ޗައިނާއިން ތަންފީޒު ކުރަމުންދާ އިގުތިސޯދު ހުޅުވާނުލާ ސިޔާސަތާއި، ހުރިހާ ދިމާއަކުން އިންފްލޭޝަން މައްޗަށް އަރައިގެން ދިޔުން ހިމެނެެއެވެ. އަދި އެމެރިކާގެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް މަތިކޮށްފައި ވުމުގެ ބިރު އިންވެސްޓް ކުރާ ފަރާތްތަކަށް އޮތުމާއި އެއީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސޯދަށް ވާއިރު، އެމެރިކާއިން ތަހަންމަލް ކުރާ ހީނަރުކަމުގައި މުޅި ދުނިޔެ ޖެހޭނެކަމަށް އަންދާޒާ ކުރެވެއެވެ.

އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޗެއާމަން ޖެރޯމް ޕަވަލް ވިދާޅުވީ، ސެންޓްރަލް ބޭންކުން އިންފްލޭޝަން ހިފަހައްޓަން އަޅަމުން ދާ ފިޔަވަޅުތަކުން އިގުތިސޯދީ ހީނަރުކަމާ ކުރިމަތި ވާނެ ކަން ނުވަތަ އެ ހީނަރުކަމާ ގުޅިގެން އަޅަން ވީ ފިޔަވަޅުތައް އޮފިޝަލުންނަށް ނޭނގޭ ކަމަށެވެ.

އެހެން ކަމުން، އަހަރުގެ ނިމޭ އިރު އިންފްލޭޝަން ދަށަށް ނުދާނަމަ، ނުވަތަ އިތުރަށް މައްޗަށް ދާނަމަ، އިންޓަރެސްޓް ރޭޓުތަކާ ކުޅެން ފެޑަރަލް ރިޒާވަށް މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ އިކޮނޮމިކްސް ވިދާޅުވީ، ފައިސާގެ އަގު ހިފެހެއްޓުމަށް ދުނިޔޭގެ އެެހެން ގައުމުތަކުގެ ސެންޓަރަލް ބޭންކްތަކުން ވެސް ރޭޓްތައް މަތިކޮށް ހިފެހެއްޓުމެއް ނެތި ގެންދާނަމަ، ދެން ފެންނާނެ ނަތީޖާއަކީ އިގުތިސޯދީ ހީނަރުކަން ކަމަށެވެ.

އެމެރިކާ އާ ހިލާފަށް ޔޫރަޕްގެ އެންމެ ބޮޑު 3 އިގްތިސޯދު ކަމަށް ވާ ޖަރުމަނާއި، އިޓަލީ އަދި އިނގިރޭސިވިލާތަށް ވެސް ހީނަރުކަމާ ކުރިމަތިވާނެ ކަމަށާއި ކުރިއަށް އޮތް އަހަރަށް ހީނަރުކަން ދެމިގެން ދާނެ ކަމަށް އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން ވަނީ ބުނެފައެވެ. އެ ޖަމާއަތުން އިތުރަށް ބުނީ، އަންނަ އަހަރު ނިމޭ އިރު އެ 3 އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 0.3 ޕަސެންޓްގައި ކަމަށާއި، އެ މުއްދަތުގައި އެ ސަރަހައްދުގެ ގިނަ ގައުމުތައް އޮންނާނީ އިގްތިސޯދީ ހީނަރުކަމުގައި ކަމަށެވެ.

ޔޫރަޕާ އަޅާ ބަލާއިރު އޭޝިއާގެ އިގްތިސޯދު ރަނގަޅު ވި ނަމަވެސް، ޗައިނާގެ ކޮވިޑް ޒީރޯ ސިޔާސަތާއި، އިގްތިސޯދު އާންމުކޮށް ހުޅުވާލާފައި ނުވުމުން، 5 ޕަސެންޓުގައި ކުރިއަރަމުން އަންނަ އިގްތިސޯދީ މިންގަނޑު 3.2 ޕަސެންޓަށް ވެެއްޓޭނެ ކަމަށް ލަފާ ކުރެއެވެ.