ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް އަކީ އެންމެ ގާތް ދެރަހުމަތްތެރިންނެވެ. މި ދެތަރިން އެކުގައި ބޮލީވުޑަށް ނުކުތީ އާލިއާގެ ކުރީގެ ލޯބިވެރިޔާ ސިދާތް މަލްހަތްރާ އާއެކު 2012 ވަނަ އަހަރު ނެރުނު ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ.
އެ ފިލްމަށްފަހު އާލިއާ އާއި ވަރުން ވަނީ އޮން ސްކްރީން ކަޕްލްސްގެ ގޮތުގައި ހަތަރު ފިލްމަކުން ފެނިގެން ގޮއްސައެވެ. އެއީ "ބަދްރީކީ ދުލްހަނިޔާ"،' "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އަދި "ކަލަންކް" އެވެ. ވަރުން ވަނީ އަނެއްކާ ވެސް އާލިއާ އާއެކު ފިލްމަކުން ފެނިގެންދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.
ޕިންކްވިލާ އަށް ވަރުން ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާ ބުނީ އާލިއާ އާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށާއި އޭނާ އާއެކު އަނެއްކާވެސް ފިިލްމެއް ކުޅެން ބޭނުންކަމަށެވެ. އަދި އެކަން މުސްތަގްބަލުގައި ހާސިލްވާނެ ކަމަށެވެ.
"އާލިއާ އަކީ އަހަރެންގެ ވަރަށް ގާތް ކުއްޖެއް. އަހަރެމެން ދެމީހުން ކެމިސްޓްރީ ވަރަށް މެޗު ވާނެ. އެކަކު އަނެކަކު ދެކެ އެހާ ލޯބިވެސްވާނެ. ބޭނުން އަދި ވެސް އާލިއާ އާއެކު މަސައްކަތް ކުރަން. މި ބަލަނީ މުސްތަގްބަލުގައި އަދި އެކަން ވާނެކަމަށް،" ވަރުން ބުންޏެވެ.
އާލިއާ އާއި ވަރުންގެ އޮން ސްކްރީން ކަޕްލް އަކީ ގިނަ ބައެއްގެ ތާއީދާއި ލޯބި ހޯދާފައިވާ ޖޯޑެކެވެ. އާންމުންވެސް މި ޖޯޑުގެ ފިލްމަކަށް އިންތިޒާރުކުރާ ކަން ސޯޝަލް މީޑިއާ އަށް ބަލައިލި ކަމުގައި ވީނަމަވެސް ފެނިގެންދާނެއެވެ.
އެކްޓަރު ވަރުން އެންމެ ފަހުން ފެނިގެންދިޔައީ އަނިލް ކަޕޫރު، ނީތޫ ކަޕޫރު އަދި ކިއާރާ އަދުވާނީ އާއެކު ފިލްމު "ޖުގްޖުގް ޖިއޯ" އިންނެވެ. އާލިއާގެ އެންމެ ފަހުގެ ފިލްމު "ބުރައްމަސްތުރާ" އޮތީ އަދިވެސް ސިނަމާތަކުގައެވެ. އެ ފިލްމުގައި އާލިއާ ފެނިގެންދަނީ އޭނާގެ މިހާރުގެ ފިރިމީހާ އެކްޓަރު ރަންބީރު ކަޕޫރާއެކުގައެވެ.