ކުޅަދާނަ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އާއި ފްލޮރެންސް ޕިޔު ލީޑް ރޯލު ކުޅުނު ފިލްމު "ޑޯންޓް ވޮރީ ޑާލިން" އަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ.
މި ފިލްމު އެޅުވިތާ ތިން ދުވަސްތެރޭގައި މި ފިލްމަށްވަނީ 30 މިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އަދި ވެސް ސިނަމާތަކުގައި އަޅުވާފައި އޮތް މި ފިލްމު ހަދަން ހަރަދުވީ ޖުމްލަ 35 މިލިއަން ޑޮލަރެވެ. ބެލެވޭގޮތުގައި މި ހަފްތާ ތެރޭގައި ފިލްމު ހަދަން ދިޔަ ޑޮލަރަށް ވުރެ ގިނައިން މި ފިލްމަށް އާމްދަނީ ލިބޭނެއެވެ.
ވަން ޑިރެކްޝަން އިން އާންމުންގެ މެދުގައި މަގްބޫލު ކަމާއި ލޯބި ހޯދި ހެރީ ސްޓައިލްސް ގެ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކުރަމުން އަންނައިރު ކްރިޓީކުން ވެސް ވަނީ ފިލްމުގައި ހަރަކާތްތެރިވި ދެ އެކްޓަރުންނަށް ތައުރީފްގެ ބަސްތައް އޮއްސާލާފައެވެ. ފިލްމުގައި މި ދެތަރިންގެ އިތުރުން ހަރަކާތްތެރިވާ ތަރިންނަކީ އޮލީވިއާ، ކްރިސް ޕައިން އަދި ޖެމާ ޗެން އެވެ. 1950ގެ އަހަރުތަކުގައި މަންޒަރުތައް ދައްކުވައިދޭ ގޮތަށް ހަދާފައިވާ މި ފިލްމަކީ ސަސްޕެންސް ތްރިލާ ޖޯންރާ އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
"މި ފިލްމު ބަލަން ދިޔަ ހަމައެކަނި ސަބަބަކީ ހެރީ ސްޓައިލްސް އުޅޭތީ. ފިލްމުގެ ސްކްރިޕްޓް އެހާ ރީއްޗެއް ނޫން. އެކަމަކު ފިލްމުގައި ހަރަކާތްތެރިވި ތަރިންގެ އެކްޓިން ހަމަ އެއްވަނަ،" ފިލްމު ބެލުމަށްފަހު ފިލްމާ ގުޅޭގޮތުން މީހަކު ޓްވީޓްކޮށްފައިވެއެވެ.
ގިނަ ބަޔަކަށް މި ފިލްމު ކަމުދިޔަ ނަމަވެސް ބައެއް ކްރިޓީކުން ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ފާޑުވެސްކިޔާފައެވެ. އެ މީހުން ބުނާގޮތުގައި މި ފިލްމުގައި އޮށްޓަރު ހުރި ސްރިޕްޓެއް ނެތެވެ.