ބޭންކް އޮފް މޯލްޑިވްސްގައި ރަހުނުކޮށްގެން ނަގާފައިވާ 34 މިލިއަން ރުފިޔާގެ ލޯނުގެ ނުދެއްކުމުން ގ. މޫނިމާގެ ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދީފިއެވެ.

މަޝްހޫރު ޕީއާރު ކުންފުނި، ބިގަށް ބީއެމްއެލް އިން 2016 ވަނަ އަހަރު ދޫކުރި އެލޯނަށް ސެޕްޓެމްބަރު 26 ގެ ނިޔަލަށް 30 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް، އެ ލޯނު އެއްބަސްވުމާ އެއްގޮތަށް ބިގުން ފައިސާ ދައްކަމުން ނުދާތީ ބީއެމްއެލްއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނީ، ލޯނު ނެގުމަށް ރަހުނުކޮށްފައިވާ މޫނިމާގެ ވިއްކާލުމުގެ ހައްގު ބޭންކަށް ލިބިގެންވާ ކަމަށެވެ.

އަދި 6 މަސް ދުވަސް ތެރޭގައި އެކަން ކުރުމުގެ ހުއްދަ ދިނުމަށް މައްސަލަ ނިންމެވި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް ވަނީ ނިންމަވާފައެވެ.

އެ މުދާ ވިއްކައިގެން ލޯނަށް ވާ ފައިސާ ހޯދުމަށް ފަހު ބާކީވާ ވަރެއް ކޯޓަށް އެންގުމަށް ވެސް ސިވިލް ކޯޓުން ވަނީ އަންގާފައެވެ.

ބިގް ކުންފުންޏަކީ ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަން ހެޑް، އަދި މިހާރު ވެސް ނުރަސްމީކޮށް ރައީސް ސޯލިހްގެ ޕީއާރު މަސައްކަތް ކުރަމުން އަންނަ މ.ބޯގަންވިލާ ހަސަން އިސްމާއިލާއި، ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ފޮޓޯގްރާފަރު މއ. ފަށުއި، މުހައްމަދު މުންޝިދުގެ ކުންފުންޏެކެވެ.

ބީއެމްއެލް އިން އެ ކުންފުންޏަށް ލޯނު ދީފައި ވަނީ ހަސަން އިސްމާއިލް އާއި މުހަންމަދު މުންޝިދާއި ބިގް ކުންފުނީގެ އިތުރުން މޫނިމާގޭ އަހުމަދު ޒަރީރު ޔަގީންކަން ދީގެންނެވެ.