ގިނަ ސްކޫލްތައް އެއް ދަންފަޅި އަށް ބަދަލުކުރި ނަމަވެސް ދަތިތައް އެބަހުރި ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރި ނަމަވެސް އެކަމުގެ މަންފާ ނުލިބޭ ކަމަށް ވިދާޅުވެ، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ވެސް 157 ސްކޫލެއްގައި އެއް ދަންފަޅި އަށް ކިޔަވައިދެމުންދާ ކަމަށެވެ.

އެއް ދަންފަޅި އަށް ބަދަލުކުރުމާ އެކު އެންމެ މުހިންމީ ވަށާ ޖެހޭ ތައުލީމެއް ދިނުން ކަމަށާއި، އެ ކޮންސެޕްޓަށް އަދި ކިޔަވައިދެމުން ދަނީ 44 ސްކޫލެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކޮންސެޕްޓުގަ ފުރަތަމަ ސްކޫލަށް ދާނީ ގާތްގަނޑަކަށް 6 ޖަހާއިރު، އެއީ ކަސްރަތުގެ ހަރަކާތަކާ އެއްކޮށް ސްކޫލްގެ ހަރަކާތްތައް ފެށިގެން މި ދަނީ. އެއަށް ފަހު ހެނދުނުގެ ނާސްތާ އަށް ފަހު ދަރިވަރުން ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ، އަދި ކަރިކިއުލަމްގަ އެވާ އެކަޑަމިކް މާއްދާތައް ކިޔެވުމަށް ފަހު އަދި އެ ކުދިން ސްކޫލުގަ ހޭދަކުރާނެ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ދަސްކުރުމާއި ކްލަބް އެކްޓިވިޓީސް އާ، މިކަހަލަ ވަގުތުތަކެއް ސްކޫލްގަ ހޭދަކުރާނެ."
އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކޮންސެޕްޓުގައިވާ ގޮތުން، އެ ދުވަހެއްގެ މަސައްކަތްތައް ނިންމާލުމަށް ފަހު ދަރިވަރުން ދާނީ ގެއަށެވެ. އަދި ހަފްތާ ބަންދުގައި ދަރިވަރުން ސްކޫލަށް ދާން ނުޖެހޭނެއެވެ.

އެކަމަކު، އެ ކޮންސެޕްޓަށް ކިޔަވައިދިނުމުގައި ސިވިލް ސާވިސްގެ ނިޒާމުގެ ތެރެއިން ބައެއް ކަހަލަ ދަތިތައް އެބަ ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ދަތިތަކުގެ ތެރޭގައި ހިމެނެނީ

  • ސިވިލް ސާވަންޓުން އިތުރު ދެ ގަޑިއިރު ހޭދަކުރަން ޖެހުން
  • އެ ދެ ގަޑިއިރަށް އޯވާޓައިމް ދޭން ޖެހުން
  • ސިވިލް ސާވިސް ނިޒާމް އޮތް ގޮތުން އަދި އެގޮތަށް އޯވާޓައިމް ނުދެވުން

އެހެންކަމުން ހުރިހާ ސްކޫލެއް އެއް ދަންފަޅި އަށް އަދި ބަދަލުކުރެވެން ނެތް ކަމަށާއި، އެކަމަކު މިސްރާބު ހުރީ އެ ދިމާލަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އުންމީދަކީ ހުރިހާ ސްކޫލަކަށް އެ ކޮންސެޕްޓު ތައާރަފް ކުރެވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.