ގައުމުގެ ވިޔަފާރި ބަނދަރުތަކަކީ އެ ގައުމެއްގެ އިގްތިސާދީ އެންމެހައި ހަރަކާތްތަކުގެ މައިބަދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހެންވޭރު ބޯޅަދަނޑުގައި ކުރިއަށް ދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުން ވިޔަފާރި ބަނދަރު ތަރައްގީކޮށް އިގްތިސާދީ ދުވެލި ބާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވަނީ ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްގީ ކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ހަރަކާތްތައް މިހާރަށް ވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ ކަމަށެވެ. އަދި ގދ. ތިނަދޫގައިވެސް ސަރަޙައްދީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއ ވެރިރަށް މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގުޅިފަޅުގައި ބަނދަރަށް ބޭނުންވާ ބިން ހިއްކާ ނިމިފައި ވާކަން އެމަނިކުފާނު ފާހަ ގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާލުވީ، ތިލަފުށީގައި މިހާރު ތަރައްގީ ކުރަމުން އަންނަ ބަލްކު ޓާމިނަލް، މަޝްރޫއު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލް އިން ތައްޔާރުވަމުން ދާކަމަށެވެ. އެގޮތުން ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި އާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމުގައި ވިދާޅުވިއެވެ.
މިގެ އިތުރުންވެސް މި ބަނދަރުތައް ތަރައްގީ ކުރުމުން ލިބިގެން ދާނެ ފައިދާތަކާ ގުޅެގޮތުން ވިދާޅުވީ މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ޞިނާއީ ބޮޑެތި ޙަރަކާތްތައް މަދުވާނެ ކަމަށާއި، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ހިދުމަތްތަކަށް ބޭނުން ކުރެވޭނެ ގޮތް ވެގެންދާނެ ކަމަށެވެ
މިރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރުގެ ތަރައްގީ އަށް މި ސަރުކާރުން ކުރަމުން ދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް އިތުރަށް ހަލުވިވެ، އަދި ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.