ޝީއީންގެ މެޖޯރިޓީ އޮންނަ އީރާނުގައި ހެދުން އެޅި ގޮތް ގޯސްވެގެން ބަންދު ކުރި ޒުވާން އަންހެނެއްގެ މަރާ އެކު މުޅި އީރާން އުތުރި އަރަމުން އެބަދެއެވެ. އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރަމުން ދާއިރު، ހަމަނުޖެހުން ހިނގައި، އެއްޗެހީގައި ރޯކޮށް އަދި މަރުގެ ހާދިސާތައްވެސް ހިނގަމުން އެބަދެއެވެ.

މިހާތަނަށް ހާމަ ވަމުންދާ މައުލޫމާތަށް ބަލާއިރު، ހަމަނުޖެހުންތަކުގައި 36 މީހަކު ވަނީ މަރުވެފައެވެ. އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގަމުން ދާ ކުރިމަތިލުންތައް އިތުރަށް ހޫނުވަމުން ދާއިރު، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް، ކަރުނަ ގޭހާއި، ރަބަރު ވަޒަންވެސް ބޭނުން ކުރަމުން ދާ ކަމަށް ހަބަރު ލިބެއެވެ.

މުޒާހަރާގެ ބައިވެރިން ވެހިކަލްތަކުގައި ރޯކޮށް ބައެއް ތަންތަނަށް ގެއްލުން ދެމުން ދާ އިރު، ވެރިރަށް ތެހެރާން، އިސްފަހާން، މަޝްހަދް، ރަޝްތް އަދި ސާކީޒް އަށް މުޒާހަރާ ވަނީ ފެތުރިފައެވެ.

އީރާނުގެ މޯރަލިޓީ ފުލުހުން (ގާނޫނުތަކާ އެއްގޮތަށް އާންމު އުސޫލުތަކަށް އަމަލު ކުރެވޭތޯ ބަލަންތިބޭ ފުލުސް ފޯސް) ހައްޔަރު ކުރި މާޝާ އަމީނީ 22އ އަކީ، ކުރުދިސްތާންގެ ޝާކީޒް އަށް ނިސްބަތްވާ އަންހެނެކެވެ. އޭނާގެ އާއިލާގެ މެންބަރުންނާއެކު ތެހެރާން ގައި އުޅެނިކޮށް މޯރަލިޓީ ފުލުހުން އޭނާ އާއި އިތުރު އަންހެނުންތަކެއް ހައްޔަރު ކުރިއެވެ. އެ އެންމެނާއެކު އަމީނީވެސް ބަންދުގައި އިންދާ، މަރުވީ ހައްޔަރު ކުރިތާ 3 ވަނަ ދުވަހުއެވެ.

އޭނާގެ މަރާ ގުޅިގެން އޮފިޝަލުން ބުނެފައި ވަނީ އޭނާ މަރުވީ މެއަށް ތަދެއް އަރައިގެން ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި އަމީނީގެ އާއިލާއިން އެކަން ދޮގުކުރަމުން އޭނާއަށް ފުލުހުން އަނިޔާ ކުރީ ކަމަށް ބުނުމާއެކު އާންމުންގެ ރުޅިވެރިކަން ކޮޅުންލައި އުތުރިއަރަން ފެށީއެވެ. މިއާއެކު، އަމީނީ މަރުވި މައްސަލަ އީރާނުގެ ގާނޫނު ހަދާ މަޖިލީހަށްވެސް ގެންދާނެ ކަމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ވަނީ ބުނެފައެވެ.

އަމީނީގެ މަރާ ގުޅިގެން ނުތަނަވަސްވެފައި ވާ އީރާނުގެ މަސްރަހަށް ދުނިޔޭގެ ސަމާލުކަން އެނބުރިފައި ވާ މިދަނޑިވަޅުގައި އެމެރިކާއިން ވަނީ، މައުލޫމާތު ފަތުރާ، ހާމަ ކުރުމުގައި އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީ ވީޑިއޯ މެދުވެރިކޮށް ކޮންފަރެންސް ކޯލްތައް ހަދާ، ހަމަނުޖެހުންތަކާ ގުޅޭ ފޮޓޯއާއި މައުލޫމާތު ދުނިޔޭގެ އެތަން މިތަނަށް ފޮނުވޭނެ ގޮތް ހަދައި ދީފައެވެ.

އީރާނުގައި އުޅޭ އިރު، ބޯ ނިވާވާ ގޮތަށް އަންހެނުން ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ލާން ޖެހެނީވެސް ގަޔަށް ދޫ ހެދުމެކެވެ. ނަމަވެސް އީރާނުގެ ބައެއް އަންހެނުން ނިތްކުރިމަތިން އިސްތަށިގަނޑު ފެންނަ ގޮތަށް ހެނދުން އަޅާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އަދި މަގުމަތިން ބައެއް އާންމު ފިރިހެނުން، އެފަދަ އަންހެނުންނަށް ހަމަލާ ދީ ވެސް ހަދައެވެ.

އަމީނީ މަރުގެ މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި ތެހެރާންގައި އެގޮތަށް މަގުމަތިން އަންހެނަކަށް ހަމަލާ ދިން ފިރިހެނަކު، ހިފަހައްޓާ އާންމުންގެ ބަޔަކު ވަނީ އޭނާ އަށް އަނިޔާ ކޮށްފައެވެ.