ބީއެމްއެލް ވެބްސައިޓް ލިންކުތަކާ އެކު އެއްވެސް ކަސްޓަމަރަކަށް މެސެޖެއް ނުފޮނުވާނެ ކަމަށް، ބޭންކުން ބުނެފިއެވެ.

ކަސްޓަމަރުންނަށް ބޭންކުން ފޮނުވާ އެސްއެމްއެސް ތަކަށް ބަދަލެއް ގެންނަން ނިންމިކަން ހާމަކޮށް ކުރި އިއުލާނެއްގައި ބީއެމްއެލުން ބުނީ:

  • އޯޓީޕީ ކޯޑާއި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ފޮނުވާނީ 455 މެދުވެރިކޮށް ކަމަށް
  • ބޭންކުގެ ހިދުމަތްތަކަށް ކަސްޓަމަރުން އަހުލުވެރިކުރުވުމަށާއި ޕްރޮމޯޝަނަލް މެސެޖުތައް ފޮނުވާނީ ބީއެމްއެލްގެ ނަމުގައި ކަމަށް

އެ ބަދަލު މާދަމައިން ފެށިގެން ފެންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެއާއެކު، ބީއެމްއެލުން ވަނީ ގޮތް ނޭނގޭ ނަންބަރުތަކުން ފޮނުވާ ލިންކުތަކަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ ލިންކެއް ކަސްޓަމަރުންނަށް ބޭންކުން ނުފޮނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއެވެ.

އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތައް ބައެއް ފަރާތްތަކުން ފޮނުވާފައިވާއިރު، އޭގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ވެފައި ހުއްޓެވެ. އެ ސްކޭމް މެސެޖުތަކުގައި ހުންނަ ލިންކުތަކަށް ވަނުމުން، ފައިސާ ދެއްކުމަށް ނުވަތަ ކާޑުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައި ހުރެއެވެ.

އެފަދަ މައްސަލަތައް ބަލަމުންދާ ކަމަށް، ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.