ބޮމުގެ އިންޒާރު ދިން މައްސަލައެއްގައި 2 ދިވެއްސަކު އައްޑޫ ގަން އެއާޕޯޓުން މިއަދު ހައްޔަރު ކޮށްފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ގަން އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު، އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއް މިއަދު ހަވީރު 5:25 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު ފުލުހުން ސިފައިންނާ ހިއްސާކުރި ކަމަށާއި، އެއާޕޯޓަށް ގޮސް އެ މީހުން ގެންގުޅުނު ތަކެތި ޗެކްކުރި ނަމަވެސް، ބޮމެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 61 އަހަރުގެ ދިވެހި ފިރިހެނަކާއި 58 އަހަރުގެ ދިވެހި އަންހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.