ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒުލޫން ބިން މުހައްމަދު ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒުލޫން ހައްޔަރު ކޮށްފައި ވަނީ އޭގެ އަނެއް ދުވަހުއެވެ. ފަޒްލޫނުގެ ބަންދާމެދު ގޮތެއް ނިންމަން ޖުލައި މަހު 21 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ޝަރުތުތަކެއް ކޮށް ބަންދުން ދޫކޮށްލަން ކޯޓުން ވަނީ ނިންމާފައެވެ.

އޭނާ ހައްޔަރުކޮށް މުއްދަތު އިތުރުކުރި ތިން ފަހަރު ވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް އެހުރިހާ ފަހަރެއްގައި ވެސް ހައިކޯޓުން ނިންމީ ޝައިޚް ފަޒްލޫން ބަންދުކުރީ ރަނގަޅަށް ކަމަށެވެ. ނަމަވެސް އެ މައްސަލަ އަލުން މުރާޖާކުރަން ހައިކޯޓުން ނިންމާފައި ވާކަން ފަޒްލޫނު ވަނީ މިމަހު 14 ވަނަ ދުވަހު ހާމަކުރައްވާފައެވެ.

މި މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ބުނީ ފަޒްލޫން ދޫކޮށްލަން ޖުލައި 21 ގައި ނެެރުނު އަމުރާއި އޭގެ ކުރިން އެ މަހުގެ 05 ވަނަ ދުވަހުގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ނެރުނު އަމުރާ އަޅާބަލާއިރު ހެކީގެ ނިސްބަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

އަދި ބަންދާމެދު ލުއިދޭނަމަ ގާޒީގެ ނިންމެވުމުގައި އެ ގޮތް ނިންމެވި ސަބަބު ތަފްސީލުކޮށް އެނގެންޖެހޭ ކަމަށާއި, ނަމަވެސް ދަށުކޯޓުގެ އަމުރުގައި އެކަން ސާފުވާކަށް ނެތް ކަމަށެވެ.

އެހެންވެ، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބަންދާ މެދު ގޮތެއް ނިންމުމަށް ދައުލަތުން ހުށަހަޅައިފިނަމަ، ފަޒުލޫންގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ބަލައި، ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫންގެ އިތުރުން ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ.

ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައިވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.