ފެނަކައިގެ ދަރަނީގެ ގޮތުގައި މިހާރު ހުރީ 1.2 ބިލިއަން ރުފިޔާ ކަމަށް ފެނަކައިގެ އެމްޑީ އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިފްކޯގެ 13 އައިސްްޕްލާންޓް ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރި ސުވާލަށް ޖަވާޞު ދެއްވަމުން ސައީދު ވިދާޅުވީ، 2018 ވަނަ އަހަރު މި ސަރުކާރު އައިސް ފެނަކައާ ހަވާލުވި އިރު، އެތަނުގައި 1.4 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އެއީ އެއްވެސް ބަޔަކަށް އޮޅުވާ ލެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ފޮތުގައި އޮތް ގޮތް ކަމަށް ސައީދު ވިދާޅުވިއެވެ.

"1.4 ބިލިއަން ރުފިޔާ ދަރަނި އޮތް. ފާއިތުވެ ދިޔަ 8 އަހަރު ދުވަހު [މި ސަރުކަރު އައުމުގެ ކުރިން] ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ކޮށްފައި އޮތީ ގާތްގަނަޑަކަށް އޭގެ 10 ޕަސެންޓް ވެސް ނެތް ކޮށްފައެއް ކެޕިޓަލް އިންވެސްޓްމަންޓަކަށް. އެއް ބިލިއަން ރުފިޔާ ވެސް ނުހުންނާނެ ކުރެވިފައެއް."
ފެނަކަ އެމްޑީ އަހްމަދު ސައީދު

ކުރީ ސަރުކާރުން ފެނަކަ ހިންގުމަށް ފަހު މި ސަރުކާރުން ފެނަކައާ ހަވާލުވި އިރު، 1.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތް އިރު އޭރު ކެޕިޓަލް އިންވެސްޓްމަންޓެއްގެ ގޮތުގައި އެއްބިލިއަން ރުފިޔާވެސް ހަރަދު ކޮށްފައި ނުވާ ކަމަށް ސައީދު ވިދާޅުވިއެވެ. މިއަދު އެ ދަރަނި ދައްކަމުން ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވެފައި ހުރި އަސާސީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި 3 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފެނަކައިން ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހަދާފައިވާ ދަރަނި ދައްކަމުން އަންނަކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ، 1.4 ބިލިއަން ރުފިޔާގެ ދަރަނީގެ މިހާތަނަށް 60 ޕަސެންޓް ދައްކާފައިވާ ކަމަށެވެ. އަދި މިހާރު ފެނަކަ ހިންގުމަށް ކުރަމުންދާ ހަރަދުތަކާ އެކު ކުރީގެ ދަރަނީގެ ބާކީ އަދަދާ އެކު މުޅި ޖުމްލަ ހުރި ދަރަންޏަކީ 1.2 ބިލިއަން ރުފިޔާ ކަމަށް ސައީދު ވިދާޅުވިއެވެ.

ދަރަނީގެ ވާހަކަ ދައްކާ ބަޔަކު އެ ދައްކަނީ ކޮން މަގްސަދެއްގައި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ދަރަނި ނޯންނާނީ ކޮން ކުންފުންޏެއްގައި ތޯ ސައީދު ސުވާލު އުފެއްދެވިއެވެ. ފެނަކައިން ދައްކަން ހުރި ދަރަނި ވީ ވަރަކުން ދައްކަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.