"ވޯކް ޓު ވާކް ޑޭ" ފާހަގަކުރަން އެސްޓީއޯ މުވައްޒަފުން މިއަދު އެއްކޮންވެސް އުޅޭނީ ފައިމަގުގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ މިއަދަކީ އެސްޓީއޯއިން ފާހަގަކުރާ ވޯކް ޓު ވާކް ޑޭ ކަމަށާއި މިއީ އެ ހަރަކާތް ހިންގާތާ 3 ވަނަ އަހަރު ކަމަށެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ފަހު އެ ހަރަކާތް އަލުން ފަށާފައިވާކަން އެސްޓީއޯ އިން ފާހަގަކުރެއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މުޅި ކުންފުނީގެ އެންމެހާ މުވައްޒަފުން މަސައްކަތަށް ނުކުންނާނީ ފައިމަގުގައި ހިނގާފައި ކަމަށާއި އުއްމީދަކީ ވަކި އުމުރަކަށް ބެލުމެއްނެތި އެ ހަރަކާތް ވަރަށް ކާމިޔާބު ކަމާ އެކީ ކުރިއަށް ގެންދިއުން ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯގެ ހުރިހާ މުވައްޒަފުން މިއަދު އެއްކޮން އުޅޭނީ ފައިމަގުގައި ކަމަށް ވާއިރު އެކަމުގެ މަގުސަދަކީ އެ ކުންފުނީގެ މުވައްޒަފުން ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރުދީ އާންމު ފަރުދުންވެސް ހިނގާފައި އުޅުމަށް ލޯބި ޖެއްސުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯއިން އަބަދުވެސް އަންނަނީ މުވައްޒަފުންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތްކޮށް، ސިއްހަތަށް ފައިދާ ހުރި ގިނަ ކަންކަން މުވައްޒަފުންގެ މެދުގަ އާއި އާންމުންނަށް ހުޅުވާލައިގެން ރާވައި ހިންގަން ކަމަށާއި އެގޮތުން އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ފާއިތުވި ދުވަސްތަކުގައި ރާވައި ހިންގާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯގެ ހައުސްތަކުގެ މެދުގެ ބޭއްވޭ އެކި ގިނަ ކުޅިވަރުގެ ހަރަކާތްތަކުންނާއި ގައުމީ ފެންވަރުގައި ކުޅެވޭ މުބާރާތްތަކުގައި އެސްޓީއޯއިން މުވައްޒަފުން ބައިވެރިކުރުމަކީ އެކަމުގެ ދަލީލަކަށް ވާއިރު އެސްޓީއޯއާއި އެސްޓީއޯ ގުރޫޕް ކުންފުނިތަކުގެ މުވައްޒަފުންނަށް ޒަމާނީ ވަސީލަތްތަކާއިއެކު ތައްޔާރުކޮށްފައިވާ ޖިމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މުވައްޒަފުންނާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމާއިމެދު ހޭލުންތެރިކުރުވައި ސިއްހަތަށާއި ތިމާވެއްޓަށް ފައިދާ ހުރި އާދަތަށް މި މުޖުތަމައުގައި އަށަގެންނެވުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ތިބާގެ އަމިއްލަ ހަށިގަނޑުދެކެ ލޯބިވެ ވަށައިގެންވާ މާހައުލު ސާފުކުރުމަށް ލޯބިކުރުމަށް އެސްޓީއޯއިން އެދެއެވެ.