ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަޔޫޝްމަން ކުރާނާ ޑަޮކްޓަރެއްގެ ރޯލުން ފެނިގެންދާ ފިލްމު "ޑޮކްޓަރު ޖީ" އަންނަ މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ނިންމައި ފިލްމުގެ ޓްރެއިލާ އާންމު ކޮށްފިއެވެ.

މި ޓްރެއިލާ އިން ފެނިގެންދަނީ އަންހެނުންގެ ޑޮކްޓަރަކަށް ވުމުން އަޔޫޝްމަން ލަދުން އުޅޭ މަންޒަރެވެ. އަދި ބައެއް އަންހެނުން ވިހަން އުޅޭ އިރު އަޔޫޝްމަން ދިޔުމުން އޭނާ އަށް ދިމާއަށް އެއްޗެހި ކިޔުމަށް ފަހު އެތަނުން ފޮނުވާލާ މަންޒަރެވެ. އަދި އަންހެން ޑޮކްޓަރެއް ބޭނުންވާ ކަމަށް އެމީހުން ބުނާ މަންޒަރު ވެސް ޓްރެއިލާ އިން ފެނިގެން ދެއެވެ.

ފިރިހެނަކު ގައިނަކޮލޮޖިސްޓަކަށް ވުމުގައި ދިމާވާ ހުރަސްތަކާއި އޭނާ އަށް ދިމާވާ ހާދިސާތަކާއި އެކަމުން އަރައިގަންނަން ކުރާ މަސައްކަތް މި ފިލްމުން ފެނިގެން ދާނެއެވެ. އަނޫބްދީ ޑައިރެކްޓްކޮށް ސިނަމާތަކަށް ގެންނަ މި ފިލްމަކީ ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ރާކުލް ޕްރީތު ފެނިގެން ދާއިރު މި ފިލްމުގައި ޝެފާލީ ޝާހް ވެސް ސީނިއާ ޑަކްޓަރެއްގެ ގޮތުގައި ފެނިގެން ދާނެއެވެ.

ފިލްމުގެ ރޯލު ކުޅެން އެއްބަސްވަމުން ކުރިން އަޔޫޝްމަން ބުނީ ޑޮކްޓަރެއްގެ ރޯލު ކުޅުމަކީ އަބަދުވެސް ބޭނުންވި ކަމެއް ކަމަށާއި އަދި ކެރިއަރުގައި ފުރަތަމަ ފަހަރަށް މިކަހަލަ ޗެލެންޖިން ރޯލެއް ކުޅެލަން ލިބުމަކީ އޭނާގެ ކެރިއަރަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ފިލްމުގައި އަޔޫޝްމަން ކުޅޭނީ ޑރ. އުދޭ ގުޕްތާ ކިޔާ މީހެއްގެ ރޯލެވެ. އަދި ރަކުލް މި ފިލްމުގައި ކުޅޭނީ ޑރ. ފާތިމާ ކިޔާ ކެރެކްޓާ އެކެވެ. މި ފިލްމު ވެގެން ދާނީ ރަކުލްއާއި އަޔޫޝްމަން ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.