އުރީދޫ މޯލްޑިވްސް އިން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑަށް ފައިސާ ވަގްފް ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން މިއަދު ވަނީ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑަށް ފައިސާ ޖަމާކުރެވޭ ހިދުމަތް އިފްތިތާހު ކޮށްފައެވެ. މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިންމަފުށީގެ މެމްބަރުންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓުގެ ހާޒިރުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލްހަމާދީއެވެ.
މި ރަސްމިއްޔާތުގައު ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ސަދާގާތް ކުރަން ބޭނުންވާ ވަރަށް ގިނަ މީހުން ތިބުމާއެކު، މިނިސްޓްރީގައި އުފައްދާފައިވާ "މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑު" އަށް ފައިސާ ޖަމާކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަކީ އަބަދުވެސް މި މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން އުރީދޫ އެމްފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުސަތު ހޯދައިދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވަގުފް ފަންޑަށް ސަދަގާތް ކުރުމަށް، މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު އުރީދޫ އެޕް މެދުވެރިކޮށް ކިއުއާރް ކޯޑް ސްކޭން ކުރުމުން އެމްފައިސާ މެދުވެރިކޮށް ސަދަގާތް ކޮށްލެވޭނެ ކަަމަށް އުރީދޫން ބުނެއެވެ. މި ހިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައި ވަނީ ކ.ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގައެވެ. އެމް-ފައިސާ މެދުވެރިކޮށް ސަދަގާތް ކުރުމަށް ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައި ވެސް އަދި ކައިރި މުސްތަގުބަލެއްގައި ބަހައްޓާނެކަ،މަށް އުރީދޫން ބުނެއެވެ.
ރައްޔިތުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް އުރީދޫ މޯލްޑިވްސް އިން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް، ފެށުނީއްސުރެ ވެސް އެކުންފުނިން ދަނީ ފަސޭހަކަމާއި ރައްކާތެރިކާމާ އެކު އެމްފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ފައުންޑޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދެމުންނެވެ. އެގޮތުން އެމްފައިސާ މެދުވެރިކޮށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކުގެ ތެރޭގައި ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އާއި ޕީސް ފައުންޑޭޝަން ހިމެނެއެވެ.
މިނިސްޓްރީއާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑަށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ ގޮތް ހެދުމަށެވެ.
މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަގްފް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އުފައްދާފައިވާ ފަންޑެކެވެ.