އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ގަވައިދާ ހިލާފަށް ނަންބަރު ބޯޑު ހަރުކޮށްގެން ދުއްވާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް، ފުލުހުން ބުނެފިއެވެ.
މީގެ 13 އަހަރު ކުރިން ގެޒެޓުގައި ޝާއިއުކޮށްފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވަައިދު"ގައިވާ ގޮތުން:
- ނަންބަރު ބޯޑުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑު" ފޮންޓަށް
- ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ބޭރަށް ނުކުމެފައި ހުރުން މަނާ
- ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ކަނޑާ ނަގައިގެން ބޭނުންކުރުމާއި، އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލާފައި ބެހެއްޓުން މަނާ
- ނަންބަރު ބޯޑުތައް ކަރުދާހުން ހެދުން މަނާ
- ވިޔަފާރި އުސޫލުން (ޓެކްސީ) ބޭނުންކުރާ އުޅަނދުފަހަރުގެ ނަންބަރު ބޯޑުގެ ކުލައަކީ ރީނދޫ، ނަންބަރުތައް ހުންނަން ވާނީ ކަޅު ކުލައިގަ
- ހައިކޮމިޝަންތަކުގެ އުޅަނދުފަހަރުގެ ނަންބަރު ބޯޑުގެ ކުލައަކީ ނޫ، ނަންބަރުތައް ހުންނަން ވާނީ ހުދު ކުލައިގަ
- އެހެނިހެން އުޅަނދުފަހަރުގެ ނަންބަރު ބޯޑުގެ ކުލައަކީ ކަޅު، ނަންބަރުތައް ހުންނަން ވާނީ ހުދު ކުލައިގަ
- އެހެން ކުލައެއްގައި ނަންބަރު ބޯޑު ހަރުކުރުން މަނާ
ތިރީގައި މި ވަނީ އެއްގަމު އިންޖީނުލީ އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑުގެ ނަމޫނާއެކެވެ.
އަކުރުތަކުގެ ސައިޒު ހުންނަން ވާނެ ގޮތް:
- ކާރުގެ ކުރި / ފަހަތް: މަތީގައިވާ ނަންބަރު (35 މިލިމީޓަރު)، ތިރީގައިވާ ނަންބަރު (55 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (28 ސެންޓިމީޓަރު)، ބޯޑުގެ ދިގުމިން (16 ސެންޓިމީޓަރު)
- ސައިކަލުގެ ކުރި: މަތީގައިވާ ނަންބަރު (15 މިލިމީޓަރު)، ތިރީގައިވާ ނަންބަރު (25 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (13.5 ސެންޓިމީޓަރު)، ބޯޑުގެ ދިގުމިން (އަށް ސެންޓިމީޓަރު)
- ސައިކަލުގެ ފަހަތް: މަތީގައިވާ ނަންބަރު (ދެ ސެންޓިމީޓަރު)، ތިރީގައިވާ ނަންބަރު (35 މިލިމީޓަރު)، ބޯޑުގެ ފުޅާމިން (18 ސެންޓިމީޓަރު)، ބޯޑުގެ ދިގުމުން (11 ސެންޓިމީޓަރު)
މީގެ ދެ ދުވަސް ކުރިން ކުރި އިއުލާނެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެއްގަމު ބައެއް އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑުތައް ހަދާފައި ހުންނަނީ "އެއްގަމު ދަތުރުފަތުރުގެ ގާނޫނު"ގެ ދަށުން ހަދާފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
އެ ގަވައިދާ އެއްގޮތަށް ނަންބަރު ބޯޑު ހަރުކުރުމަށް، މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނާ ގުޅިގެން ފުލުހުން މިއަދު ބުނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް، ގަވައިދާ ހިލާފަށް ނަންބަރު ބޯޑު ހަރުކޮށްގެން އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ނަސޭހަތްތެރިވަމުން ދާނެ ކަމަށެވެ.
ނަމަވެސް، އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކަށް، އެ ދުވަހުން ފެށިގެން ފިޔަވަޅު އަޅަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.