ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17.8 މިލިއަން ރުފިޔާ އަނބުރާ ދެއްކުމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ސްޕްރީމް ކޯޓުންވެސް ހުކުމް ކޮށްފިއެވެ.
އެއް މިލިއަން ޑޮލަރު ގަންނަން ފެނަކަ އިން ޝަރޫއަށް 17.8 މިލިއަން ރުފިޔާ ދެއްކި ނަމަވެސް ޝަރޫއިން ފެނަކަ އަށް ދިން ޑޮލަރު ޗެކްތައް ވަނީ ބައުންސްވެފައެވެ. އެ ފައިސާ ހޯދަން ފެނަކަ އިން ސިވިލް ކޯޓުގައި ދައުވާކުރީ ޝަރޫ ކުންފުންޏާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށެވެ.
އެ ފައިސާ އަނބުރާ ފެނަކަ އަށް ދައްކަން ޝަރޫގެ މައްޗަށް ސިވިލް ކޯޓުން 2017 ގައި ހުކުމް ކުރި ނަމަވެސް އެ ކޯޓުން ނިންމާފައި ވަނީ ޝަރޫގެ ޑިރެކްޓަރުން އެކަމަށް ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ ފެނަކައިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ކުންފުނިތަކަކީ ޑިރެކްޓަރުންނާ ވަކިން އޮންނަ ވަކި ގާނޫނީ ޝަހްސަކަށް ވިޔަސް ކުންފުނިތައް ނިވައި ފަތްގަނޑަކަށް ބޭނުން ކޮށްގެން ކުރާ ކަންކަމަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައިވާ ކަމަށެވެ.
ހައިކޯޓުން ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފެނަކަ އަށް ޝަރޫ އިން ދައްކަންޖެހޭ 17.8 މިލިއަން ރުފިޔާ ދެއްކުމުގެ ޒިންމާ ޝަރޫ ކުންފުނީގެ އިތުރުން އޭރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބިި ސަބާހް އަހުމަދާއި މުހައްމަދު މުޝްތާގުގެ އިތުރުން ޝަރުމީލާ ޒުބައިރު އުފުލަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ތިން މަސް ތެރޭގައި ކޯޓަށް ދައްކަން ޝަރޫ ކުންފުންޏާއި އެ ތިން މީހުންނަށް ވަނީ އަންގާފައެވެ.
ދަށު ކޯޓުގެ ނިންމުން ޝަރޫ ކުންފުންޏާއި ތިން ޑިރެކްޓަރުންގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ކުންފުންޏަކީ ގާނޫނީ ޝަހުސެއް ނަމަވެސް ކުންފުނި ބޭނުކޮށްގެން ކުރާ ކޮންމެ ކަމެއްގެ ޒިންމާ ފަރުދީ ގޮތުން ޑިރެކްޓަރުން ވެސް ނަގަން ޖެހޭނެ ކަމަށެވެ.
ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފެނަކައިން ފައިސާ ދޫކުރުމުން، އެ ފައިސާ ޝަރޫ ކުންފުނިން ނެގިއިރު ވެސް އެއަށްވާ އެއް މިލިއަން ޑޮލަރު ދެއްކޭނެ ގާބިލުކަމެއް ކުންފުނީގެ ނެތްކަން ހިސާބުތަކުން އެނގެން އެބައޮތްކަން ކަމަށާއި ފައިސާ ނަގައި އެ ފައިސާ ޝަރޫއިން ބޭނުން ކުރި ކޮންކަމެއްގައިކަން އެނގޭނެ ލިޔުންތަކެެއް ނުވަތަ ރިކޯޑެއް ނެތް ކަމަށެވެ. އަދި އެހެން ކަމުން މިއީ ޑިރެކްޓަރުން ޒިންމާވާން ޖެހޭ ހާލަތެއްގެ ގޮތުގައި ހުކުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ފައިސާ ފެނަކައަށް ދޫކޮށްފައިވަނީ ޝަރޫ ކުންފުންޏަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ގާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަން ކަށަވަރުނުކޮށްކަން ސާބިތުވާކަމާއި ޝަރޫއަކީ ގާނޫނީ ގޮތުން ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތެއްކަން ކަށަވަރު ކުރުމަކާނުލައި ފެނަކައިގެ ފަރާތުން ޝަރޫއަށް ފައިސާ ދިން ދިނުމަކީ ފެނަކައިގެ އިސްފަރާތްތަކުން ވެސް ޝަރުއީ ގާނޫނީ ގޮތުން ހުއްދަނޫން މުއާލަމާތެއްގެ ތެރެއަށް ވަނުމުގެ ޒިންމާ ގާނޫނީ ގޮތުން އުފުލަންޖެހޭ ކަމެއް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.