އަވާހަރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު (2 ވަނަ) ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނު އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އުމުރުފުޅުން 96 އަހަރުގައި، މިމަހުގެ 8 ވަނަ ދުވަހު، ރާނީ އެލިޒަބަތު އަވަހާރަވި އިރު، މިހާތަނަށް އެންމެ ގިނަ ދުވަހު އިނގިރޭސި ތަހުތުގައި އިންނެވީ އެކަމަނާއެވެ. އެކަމަނާ ވަނީ މެދުނުކެނޑި 70 އަހަރަށް ވުރެ ގިނަ ދުވަހު ރަނިކަން ކުރައްވާފައެވެ.

ރަސްމީ އެންމެމަތީ އިއްޒަތުގައި، ރާނީ އެލިޒަބަތު (2 ވަނަ) ފަސްދާނުލާފައި ވަނީ، އެކަމަނާގެ މިސާލެއް ނެތްފަދަ ރަނިކަމާއި، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާ ކުރުމަށް ފަހުގައެވެ.

ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި އޮތް ރާނީ އެލިޒަބަތުގެ ޖަނާޒާގައި، އިނގިރޭސި ޝާހީ އާއިލާގެ މެންބަރުންނާއި، އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި، ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އާންމު ރައްޔިތުންގެ ގިނަ ބަޔަކު ވެސް ވަނީ ބައިވެރިވެފައެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ފަހު، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް، އެންޑް ޑިވެލޮޕްމަންޓް އެފެއާޒް ޖޭމްސް ކްލީވާލީ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ރާނީގެ ޖަނާޒާ ބާއްވާފައިވާ އިރު، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ރާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރައްވައި، ލަންޑަނުގެ ލެންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި، ތައުޒިޔާގެ މެސެޖު ލިޔުއްވާފައެވެ. ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމާއެކު، ކޮންމަންވެލްތުގެ އެންމެ އިސްވެރިޔާ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން، މި މަހުގެ 9 އިން ފެށިގެން 3 ދުވަސްވާންދެން ދިވެހި ގައުމީ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.