ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، މިހާރު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގައި އެންމެ ދިގުމުއްދަތެއްގައި ރަނިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިހްތިރާމު އަދާކުރައްވައިފިއެވެ.

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެންބަރ 8 ވީ ބުދަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 96 އަހަރެވެ. ރާނީ އަވަހާރަވީ އިރު، އިނގިރޭސި ވިލާތުގެ ތަހުތުގައި 70 އަހަރަށް ވުރެ ދިގު މުއްދަތެއް އެކަމަނާ ހޭދަކުރެއްވިއެވެ.

ރާނީއަށް އެންމެފަހުގެ އިޙްތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން، ވަނީ ރާނީ އަވަހާރަވުމާ ގުޅިގެން ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ މެސެޖު ލިއުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 އަށާއި، ޝާހީ އާއިލާ އާއި، އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތް ގައުމުތަކުގެ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާ އިރު، އެކަމަނާގެ ގައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިހްތިރާމް އަދާ ކުރެއްވުމުގެ ފުރުސަތު، އެމަނިކުފާނަށް ލިބިވަޑައިގެންނެވިތީ ޝުކުރުވެރިވެވަޑައިގަންނަވާ ކަން ވަނީ ބަޔާން ކުރައްވާފައެވެ. އަދި ރާނީ އެލިޒަބަތު 2 ގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ލިއުއްވާފައިވެއެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ އެކަމަނާއާއި އަދި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައާ މޮޅިވެރިކަން ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މައެއްގެ ގޮތުން އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާތައް ފާހަގަކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މައިންވެސް، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އިނގިރޭސި ވިލާތަށް އަދި އެ ގައުމުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ހިދުމަތްތަކަކީ ތައުރީފު ހައްގު ހިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ.

ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި މި މަހުގެ 19 ވަނަ ދުވަހުގެ އިނގިރޭސި ވިލާތުގެ ގަޑިން 11 ޖަހާއިރުއެވެ.