ދުނިޔޭގެ އެތައް ބައްރެއްގެ ރަސްކަމާ ހަވާލުވެވަޑައިގަން އަދި އަވަރާވި އިރު 14 ގައުމެއްގެ ރަނިކަމަނާ، ކްއީން އެލިޒަބަރު 2 އަވަހާރަވުމުން، އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް މިލިއަނެއްހާ މީހުން އަދިވެއް ކިޔޫގައި އެބަތިބިކަމަށް ރިޕޯޓު ކޮށްފިއެވެ.

ކްއީންގެ ސަންދޯއްކޮޅު މިވަގުތު ބާއްވާފައި އޮތް ވެސްޓްމިންސްޓާ ހޯލާ ހަމައަށް ދިޔުމަށް ކިޔޫގައި މިލިއަނަކާ ގާތް ކުރާ އަދަދަކަށް މީހުން ތިބި އިރު، އެ ކިޔޫގައި ހުރި މަޝްހޫރު ފްޓްބޯޅަ ކުޅުންތެރިޔާ، ޑޭވިޑް ބެކަމަށް ކްއީންގެ ސަންދޯއްކޮޅާ ހިސާބަށް ދެވުނީ ކިޔޫގައި ހުންނަތާ 13 ގަޑިއިރު ފަހުންނެވެ.

އާމްނުންނާ އެކު ބެކަލް ކިޔޫގައި ހުރެ، މީޑިއާތަކާ ވާހަކަދައްކަމުން ބުނީ، އެތައް ބަޔަކާއެކު ކިޔުގައި ހުރެވުމަކީ އުފަލެއް ކަމަށާއި އެންމެންވެސް ތިބީ، ރާނީއަށް އިހުތިރާމް އަދާކުރުމަށް ކަމަށެވެ.

ކިޔޫގެ 13 ގަޑި އިރަށް ފަހު ބެކަމް އަށް ކްއީން އާ ހަމައަށް ދެވުނު އިރު ހުރީ އުފަލުން ރޮވިފައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ރާނީގެ ސްންދޯއްކޮޅު ބާއްވާފައި އޮތް ވެސްޓްމިންސްޓާ އިން ފެށިގެން ގޮސް އެތައް މޭލެއްގެ ދުރުމިނަށް ކިޔު އޮތް އިރު، ބައެއް މީހުން ކިޔޫގައި 14-15 ގަޑި އިރު ހޭދަކުރާ ކަމަށް ހަބަރުލިބެއެވެ. މިހާރުވެސް ކިޔޫގައި 750،000 މީހުން ތިބި އިރު، އިތުރު މީހުން ކިޔޫއަށް އެރުން ސަރުކާރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

އިނގިރޭސިވިލާތުގެ ރަސްކަމަށް ރާނީ އިސްކުރެވުނު އިރު، އިނގިރޭސީންނަކީ ދުނިޔޭގެ އިރާއި އުތުރަށް އަދި ހުޅަނގާ ދެކުނަށް ހަންފަތުރަމުން ދިޔަ ބައެކެވެ. ދެވަނަ ބޮޑުހަނގުރާމަ އަށް ފަހު އިނގިރޭސީންގެ ބާރު ދުނިޔެއަށް ފުޅާވެ، އޭޝިއާ ސަރަހައްދުގެ އިންޑިއާ، ލަންކާ އަދި ރާއްޖެވެސް އޮތީ އިނގިރޭސީންގެ އަޅުވެތިކަމުގައި ޖިޒީ ދައްކައިގެންނެވެ. ރާއްޖެ މިނިވަން ވީ 77 އަހަރު އަޅުވެތިކަމުގައި އޮތުމަށް ފަހު ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވި ތަދުމަޑުކަމާއެކު އިނގިރޭސީން ގައުމުތައް ދޫކޮށް ފައިބަން ފެށި ދުވަސްވަރުއެވެ. އޭރު ރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވީ އިބްރާހިމް ނާސިރެވެ.

ރާނީ އެލިޒަބަތަކީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖު 1952 ވަނަ އަހަރު އަވަހާރަ ވުމުން ރަނިކަމާ ހަވާލުވެވަޑައިގެން އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފު އޮތް ރާނީއެވެ. އެކަމަނާ ވަނީ 70 އަހަރު ރަނިކަން ކުރައްވާފައެވެ.

އިނގިރޭސި ދައުލަތް ހިނގާ ގޮތުން، ވެރިކަމުގެ ބާރުގެ ތެރޭގައި ނުވަތަ ސަރުކާރު ހިންގުމުގެ ބާރުގެ ތެރޭގައި ރަސްކަމުގެ ނުވަތަ ރަނިކަމުގެ އެއްވެސް ދައުރެއް ނޯވެއެވެ. އަދި ސިޔާސީ ކަންކަމުގައި ރަސްކަމުގެ ފަރާތުން ބައިވެރިވެ ނޫޅުނަސް، ބަކިންހަމް ޕެލަސް އިން ކަމަކާ މެދު ދެކޭ ގޮތެއް ހާމަ ކޮށްފި ނަމަ، އެކަމަކަށް އެގައުމުގައި އިހުތިރާމް ލިބިގެން ދެއެވެ.

އެލިޒަބަތު އަވަރާ ވި އިރު، އެކަމަނާއަކި އިނގިރޭސި ރާނީގެ އިތުރުން އެ ރަސްކަމުގެ ދަށުގައި މިހާރުވެސް އޮތް ކޮމަންވެލްތުގެ 14 ގައުމެއްގެ ރާނީއެވެ. އޭގެ ތެރޭގައި ހިމެނެނީ އެންޓިގުއާ އެންޑް ބާބުޑާ، އޮސްޓްރޭލިއާ، ބަހާމާސް، ބެލީޒް، ކެނެޑާ، ގްރެނާޑާ، ޖެމެއިކާ، ނިއުޒީލަންޑް، ޕަޕާ ނިއުގިނީ، ސެއިންޓް ކިޓސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިއަންސް، ސޮލޮމޮން އައިލޭންޑްސް އަދި ޓްވާލޫއެވެ.

ރާނީ އަވަހާރަ ވުމުން މިހާރު ރަސްކަލަކީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސްއެވެ.