އަމިއްލަ ދަރިފުޅު ބައްޔެއް ތަހައްމަލު ކުރަމުންދާ ތަން ބަލަން އެއްވެސް މަޔަކަށް ކެތެއް ނުވާނެއެވެ. ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ލަހައްޓަވާތޯ އެދި ކޮންމެ މަޔަކުވެސް ދުއާ ކުރާނެއެވެ. އުމުރުން 26 އަހަރުގެ ވަފާ އަބްދުﷲ އަކީ ތިން ދަރިންގެ މަންމައެކެވެ. އޭނާގެ ތިން ދަރިންގެ ތެރެއިން އެންމެ ދޮއްޓަށް ހުންނަ ހުޒައިލް ބިން ހޫދު އަބްދުލްގަފޫރުގެ ބަލި ހާލަތު ހުރި ގޮތުން އެ މަންމަ އަންނަނީ އެތައް ގުރުބާނީއެއް ވަމުންނެވެ. އެ ދަރިފުޅަށް ބޭނުންވާ ބޭސް ފަރުވާ ހޯދުމަށް އެތައް މަސައްކަތެއް ކުރަމުން އައި ނަމަވެސް އެ އާއިލާއަށް މި ވަގުތު ވަނީ މާލީ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުން ވެފައެވެ.

މިހާރު ހުޒައިލްގެ އުމުރަކީ 6 އަހަރެވެ. އަންނަ މަހު އެ ކުއްޖާއަށް 7 އަހަރު ވާން އުޅޭ އިރު އުމުރުން 4 އަހަރުން ފެށިގެން ހުޒައިލް އަންނަނީ ފިޓް ޖެހޭތީ އެކަމަށް ބޭސް ކުރަމުންނެވެ. އެންމެ ފުރަތަމަ ހުޒައިލް ފިޓު ޖެހުނު ދުވަސް ކިޔައިދެމުން ހުޒައިލްގެ މަންމަ، ވަފާ ބުނީ، އެ ދުވަހު ހުޒައިލްގެ ހަގަށް ހުންނަ އޭނާގެ އަންހެން ދަރިފުޅު ނިންދަވަން ކޮޓަރީގައި އިންދާ ގޭތެރެއިން ހުޒައިލްގެ ނަމުން ބާރަށް ގޮވާ އަޑު އިވިގެން ކޮޓަރިން ބޭރަށް ނިކުތް ކަމަށެވެ.

ވަފާ އަބްދުﷲ އޭނާގެ ދަރިފުޅު ހުޒައިލް އާ އެކު ނަގާފައިވާ ސެލްފީއެއް

ހުޒައިލް އަކީ ވަރަށް ހަލަނި ކުއްޖެއް ކަމުން ގޭތެރެއިން ހުޒައިލްގެ ނަމުން ގޮވަމުން ދިޔައީ ކޮންމެވެސް ކަމެއް އެސޮރު ކުރީމައި ކަމަށް ބަލައި ކޮޓަރިން ނިކުތް އިރުު ހުޒައިލް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ހުޒައިލްގެ މާމަ ބުންޏެވެ. ހުޒައިލްއަށް އެ ދުވަހު ވީ ކިހިނެއް ކަން އެގޭ އެއްވެސް މީހަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ގޭގައި އުޅޭ ކުދިންތަކަކާ އެކުގައި ކުޅެން އުޅެނިކޮށް އެނާ ވެއްޓުނީ ކަމެވެ.

އެއަށް ފަހު ދެން ހުޒައިލްއަށް އެފަދަ ކަމެއް ވީ އޭގެ ދެ ހަފްތާއެއް ފަހުން އާއިލާ އެންމެން އެކުގައި ކާ މޭޒު ދޮށުގައި ކާން ތިއްބާ ކަމަށް ވަފާ ބުންޏެވެ. އެއް ދިމާއަކަށް ހުއްޓި ހުރި ހުޒައިލް ތުރުތުރެއް އެޅި ކަަމާއި ދެން ފެނުނީ އެ ކުއްޖާ ވެއްޓުނު ތަން ކަމަށް ވަފާ ބުނެއެވެ. އެ ދުވަހު ހުޒައިލް ގޮވައިގެން ޑޮކްޓަރަށް ދެއްކުމުން ވަނީ އެ ކުއްޖާއަށް ފިޓް ޖެހުނީ ކަމަށް ބުނެފައެވެ. އަދި އެ ދުވަހަށް ފަހު ހުޒައިލް އަށް ފަރުވާ ކުރަން ފެށިއެވެ.

އެންމެ ކުރީކޮޅު ހުޒައިލްއަށް ފިޓް ޖެހެމުން ދިޔަ ކަން އެނގުނު ނަމަވެސް މިހާރު އެ ކުއްޖާ ފިޓް ޖެހޭ އިރު ބޭރު ފުށުން އެފަދަ އަލާމަތެއް ނުފެނެއެވެ. އެހެންކަމުން މިހާރު ހުޒައިލް ފިޓް ޖެހެނީ ކިހާ އަވަސް މިނެއްގައި ކިހާވަރަކަށް ކަން ބުނެދޭން ނޭނގޭ ކަމަށް ވަފާ ބުނެއެވެ. ނަމަވެސް ކުރިން ކޮންމެ ދެ ހަފްތާއަކުން އެއް ފަހަރު ހުޒައިލް ފިޓު ޖެހޭ ކަމަށް ވަފާ ބުނެއެވެ.

އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ޑިސްޗާޖް ސަމަރީ

ރާއްޖެއިން ޑޮކްޓަރަށް ދައްކައިގެން ފަރުވާ ދިން ނަމަވެސް އޭނާއަށް ދޭ ބޭހުން މާ ބޮޑު އަސަރެއް ނުކުރެއެވެ. އެހެންކަމުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރާއްޖޭގައި ތިބި ޑޮކްޓަރުން ލަފާ ދިނެވެ. އަދި ރާއްޖެއިން ބޭރަށް އެނާ ވަނީ ހުޒައިލް ގޮވައިގެން 4 ފަހަރު ފަރުވާ ކުރުމަށް ގޮސްފައެވެ. އެންމެ ފަހުން މި އަހަރު ޖުލައި މަހު ތެރޭ ހުޒައިލް ގޮވައިގެން ވަފާ އިންޑިއާއަށް ދިޔައެވެ. އެއީ ރާއްޖެއިން ހުޒައިލް ބަލަމުން ދިޔަ ޑޮކްޓަރުން އެ ކުއްޖާއަށް ދެމުންދާ ބޭހުން މާ ބޮޑު އަސަރެއް ނުކުރާތީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަކީ އޮތް ހައްލު ކަމަށް ބުނުމުން ކަމަށް ވަފާ ބުންޏެވެ.

އިންޑިއާ އަށް ގޮސް ވަނީ 24 ގަޑިއިރުގެ އީއީޖީ ޓެސްޓެއް ހަދާފައެވެ. އެ ޓޭސްޓުގެ ނަތީޖާ ހިއްސާ ކުރަމުން ޑޮކްޓަރުން ބުނެފައި ވަނީ އެ ޓެސްޓު ހެދި އިރު ވެސް 24 ގަޑިއިރު ތެރޭ އެތައް ފަހަރަކު ހުޒައިލް ފިޓް ޖެހުނު ކަމަށެވެ. ބެލިބެލުމުން އެނގިފައިވާ ގޮތުގައި ހުޒައިލް ފިޓް ޖެހެނީ ސިކުނޑީގެ އެކި ދިމަދިމާލުންނެވެ. އެހެންކަމުން އޮޕަރޭޝަން ކުރުމަކީ ދަތި ކަމެއް ކަމަށާއި އެއް ދިމާއަކުން އޮޕަރޭޝަން ކުރިއަސް ފިޓް ޖެހުން ނުހުއްޓޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ދެން ޑޮކްޓަރުން ނިންމީ ހުޒައިލްއަށް ދެމުންދާ ބޭސް ބަދަލު ކުރާށެވެ. އެގޮތުން ހަ މަސް ދުވަހަށް އެ ބޭސް ކާން ހުޒައިލްއަށް ދިނެވެ. އަދި ޑޮކްޓަރުން ވަނީ ބޭސް ކާތާ އެއް މަސް ހަމަވުމުން ޗެކްއަޕް ހަދާލަން އައުމަށް އެދިފައެވެ.

ހުޒައިލް ބިން ހޫދު އަބްދުލްގަފޫރު

މިހާރު ހުޒައިލް އެ ބޭސް ކާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ޑޮކްޓަރުން އެދިފައިވާ ގޮތަށް ހުޒައިލް އިންޑިއާއަށް ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ދުވަސް ވެސް ފާއިތު ވެއްޖެއެވެ. އިތުރުވެގެން ދާ ކޮންމެ ދުވަހަކީ ވަފާގެ ހިތަށް ވާ އުނދަގޫތައް އިތުރުވެ ކަންބޮޑުވުމާއި ހިތްދަތިކަން އިތުރުވާ ދުވަސްތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ. ވަފާ ބޭނުން ވަނީ އޭނާގެ ދޮށީ ދަރިފުޅަށް އަވަސް ޝިފާއެއް ހޯދުމަށް ޑޮކްޓަރުން ދީފައިވާ ލަފާއާ އެއްގޮތަށް ބޭސްފަރުވާ ކުރުމުގެ ކަންކަން ފަރުވާ ކުޑަ ނުކޮށް ކުރިއަށް ގެންދާށެވެ. ނަމަވެސް މި ވަގުތު އެ އާއިލާއަށް ޑޮކްޓަރުން ބުނި ދުވަހަށް ނުދެވި މަޑުކޮށްގެން ތިބެން މަޖުބޫރުވެފައި ވަނީ މާލީ ގޮތުން ހުރި ދަތިތަކެއްގެ ސަބަބުންނެވެ.

ހުޒައިލްގެ ފަރުވާ އަށް މި ވަގުތު ރާއްޖެއިން ބޭރަށް ދިއުމުގެ ކަންކަން ވަނީ ހަމަޖެހިފައެވެ. ނަމަވެސް މާލީ ގޮތުން އިތުރު އެހީތެރިކަމެއް ލިބިގެން ނޫނީ ބޭރަށް ފުރައިގެން ދެވެން ނެތުމުން މިވަގުތު އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވަފާ ބުނެއެވެ. އިންޑިއާއަށް ބޭސްފަރުވާ އަށް ދާ އިރު އާސަންދައިން ހަމަޖައްސައި ދެނީ ބޭސްފަރުވާގެ ހަރަދާއި ބަލި މީހާގެ ޓިކެޓާއި އެއް އެހީތެރިއެއްގެ ޓިކެޓެވެ. އިތުރު މީހަކު ދާ ނަމަ އެ މީހެއްގެ ޓީކެޓާއި ހުރުމާއި ކެމުއުގެ ހަރަދުތަަކީ އަމިއްލަ އަށް ކުރަންޖެހޭ ހަރަދުތަކެވެ.

2020 ވަނަ އަހަރު އައިޖީއެމްއެޗުން ދީފައިވާ ލިޔުމެއް

މި ވަގުތު ވަފާގެ ތިން ކުދިން ތިބި އިރުހުޒައިލްގެ ހަގަށް ހުންނަނީ 4 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެނމެ ހަގު ދަރުފުޅަކީ 5 މަހުގެ ފިރިހެން ކުއްޖެވެ. މީގެ ދެ މަސް ކުރިން ހުޒައިލް ގޮވައިގެން ވަފާ އިންޑިއާ ދިޔައީ ތުއްތު ދަރިފުޅާއި އިތުރު އެހީތެރިއަކު ވެސް ގޮވައިގެންނެވެ. އެ ފަހަރު ވެސް އެ އާއިލާ ގެންދިޔަ ފައިސާ ވަނީ ހުސްވެފައެވެ. ހަތަރު ފަހަރު ރާއްޖެއިން ބޭރަށް ކުރި ދަތުރުގައި ވެސް އެކި ފަރާތްތަކުން ވަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި އެ އެހީތެރިކަމާ ނުލައި މިއަދު މިހާ ހިސާބަށް ނާދޭވޭނެ ކަމަށް ވަފާ ބުނެއެވެ. އަދި އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް ރައްދު ކުރާ ކަމަށް ވެސް އޭނާ ބުނެއެވެ. މީގެ އިތުރުން އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން ވެސް ފާހަގަ ކޮށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

ހުޒައިލްއަށް އެހީވާން ބޭނުންވާ ފަރާތްތަކުން ހުޒައިލްގެ މަންމަ ވަފާ އަބްދުﷲ 7669254 އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

ރުފިޔާ އެކައުންޓް

  • އެކައުންޓްގެ ނަން: ވަފާ އަބްދުﷲ (ކުއްޖާގެ މަންމަ)
  • އެކައުންޓް ނަންބަރު (ރުފިޔާ): 7730000221369

ޑޮލަރު އެކައުންޓް

  • އެކައުންޓްގެ ނަން: ފާތުމަތު ވަހީދާ (ކުއްޖާގެ މާމަ)
  • އެކައުންޓް ނަންބަރު (ޑޮލަރު): 7730000127953

'ދަ ޕްރެސް' ގެ ދުއާއަކީ ހުޒައިލް ބން ހޫދު އަބްދުލްގަފޫރަށް، މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމެވެ.