ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަން ލާޒިމްކުރާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރ ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފިއެވެ.
އެ ސެންޓަރު ހުޅުއްވައިދެއްވީ ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަޒީރު ވިދާޅުވީ ރާއްޖޭގައި އެކި ގޮތްތުން ހަވާސާވަމުންދާ ކުޑަކުދިންގެ އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑުގެ އެންމެ މުހިންމު ކަމަކީ ގާނޫނު ތަންފީޒު ކުރަންޖެހޭ ހާލަތަކަށް ކުދިން އަޔަނުދިނުން ކަމަށާއި ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ހުޅުވުމަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ތަންފީޒު ކުރުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.
ކުށް ހުއްޓުވުމުގެ މަސައްކަތް ފެށެން ޖެހޭނީ ކުށްކުރުމުގެ މާކުރިން ކަމަށާއި ކުށަށް މީހަކު އަރައިގަންނަން ހުރި ސަބަބުތައް ބަންދު ކުރަންޖެހެނީ އެސަބަބައްޓަކައި ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި އިމާރާތަކާއި އެހެން ބައެއް މާއްދީ ވަސީލަތްތައް ގާއިމްކުރުމަކީ އިޖުތިމާއީ މައްސަލަތައް ހައްލުވާ ކަމެއް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާއި ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ހުޅުމާއެކު އެ މައްސަލައިގެ ހަގީގީ މަސައްކަތް ފެށިގެންދާ ހިސާބަށް އާދެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރެޒިޑެންޝަލް މަރުކަޒަކީ ކުރުމުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށް ގާއިމްކުރަން ގާނޫނުން ލާޒިމް ކުރާ މަރުކަޒެކެވެ.