ތިން ފުލުހަކަށް ހަމަލާދީ ފިލަން ދަނިކޮށް މަޖީދީމަގު ޔޫރޯ ސްޓޯރު ކުރިމަތިން ހިފެހެއްޓި މީހުންނާއެކު ޖުމްލަ 5 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ ގޮތަށް އަދި އެކަކަށް 30 ދުވަހު ބަންދެއް ޖަހައިފިއެވެ.
ފުލުހުން ބުނީ މިއަދު މުއްދަތު ޖެހި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ތިން ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެތަނުން 20 އަހަރުގެ އެކަކަށް ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައި ކަމަށާއި ބާކީ ތިބި 5 މީހުން ވަނީ ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓާ ގޮތަށް މުއްދަތު ޖަހާފައެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ވަނީ 2 މީހަކު ހައްޔަރުކޮށް އެ ދެމީހުންނަށް މުއްދަތު ޖަހާފައެވެ. ކުރިން ހައްޔަރު ކުރީ 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ.
މި މަހުގެ 9 ވަނަ ދުވަހު ތިން ފުލުހަކަށް ހަމާލާ ދީފައި ވަނީ ހެނދުނު 11:50 ހާއިރުއެވެ. ހަމަލާ ދީފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ނިސްބަތްވާ ތިން ފުލުހަކަށެވެ.
ތިން ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ އިރު، އޭޑީކޭ ހޮސްޕިޓަލްގައި ތިން ފުލުހުންނަށް ފަރުވާ ދީފައި ވާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ ފުުހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.