ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މއ.އަތަމާވިލާ، އަބްދުލްޣަފޫރު މުހައްމަދު އައްޔަންކުރައްވައިފިއެވެ.

އަބްދުލްޣަފޫރު މުހައްމަދަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އަބްދުލްޣަފޫރު މުހައްމަދު އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

އޭގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމާއި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވެއެވެ.

އަބްދުލްޣަފޫރު މުހައްމަދު ވަނީ އެމެރިކާގެ ޓަފްޓްސް ޔުނިވާސިޓީގެ ފްލެޗާ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައެވެ.