ފުރަތަމަ ފަހަރަށް ބޭއްވި ބްރޯޑްކާސްޓިން އެވޯޑު ހަފްލާގައި "ލައިފްޓައިމް އެޗީވްމަންޓް އެވޯޑު" ގިނަ ދުވަސްތަކަކަށް ހިދުމަތް ކުރެއްވި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހީމް މަނިކު (ސަމަރޭ) އާއި، ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު މަރްހޫމާ ޒާހިދާ އިބްރާހީމް (ޒާހިދާއްތަ) އަށް ދީފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރޭ ބޭއްވި ހަފްލާގައި ދެ ބޭފުޅުންނަށް އެވޯޑު ދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރޭގެ ހަފްލާގައި 72 އަހަރުގެ އިބްރާހީމް މަނިކު އެވޯޑާ ހަވާލުވެވަޑައިގެންނެވި އިރު، ޒާހިދާގެ އެވޯޑާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލެކެވެ.

ކުރީގެ އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އަށް، ބްރޯޑްކާސްޓިން ދާއިރާ އަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، އެ ދާއިރާ އަށް މުވައްޒަފުން ނެރެ، ތަމްރީނު ކޮށްދެއްވައިފައެވެ.

ޒާހިދާ ބްރޯޑްކާސްޓިން ދާއިރާ އަށް ވަދެވަޑައިގަތީ 1968 ގައެވެ. އެނައުންސަރެއްގެ އިތުރުން، އޭނާ ވަނީ އޭރުގެ މާލޭ ރޭޑިއޯ، މިހާރު ނަމަ ދިވެހިރާއްޖޭގެ އަޑުގައި ގިނަ ޕްރޮގްރާމްތަކެއް އުފައްދަވައިފައެވެ. 40 އަހަރު ވަންދެން މަސައްކަތް ކުރެއްވި ޒާހިދާ 2008 ގައި އަޑުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ އެ ތަނުގެ ޑިރެކްޓަރެއްގެ ގޮތުގައެވެ.

ރޭ ބޭއްވި ހަފްލާގައި 20 ދާއިރާ އަކުން އެވޯޑު ދީފައިވެއެވެ. އެގޮތުން އެވޯޑު ލިބުނު ބައެއް ފަރާތްތަކާއި ޕްރޮގްރާމްތަކަކީ:

  • ބެސްޓް ނިއުސް އެންކާ އޮފް ދަ އިޔާ: އަބްދުﷲ މުއާޒް (ޓީވީއެމް)
  • ޓީވީ، ބެސްޓް ޕްރޮގްރާމް ޕްރެޒެންޓަރު: އައިމިނަތު ނަމްޒާ (ޓީވީއެމް)
  • ރޭޑިއޯ، ބެސްޓް އެންޓަޓެއިންމަންޓް އެވޯޑު: ދިިރިއުޅުން (ދިވެހިރާއްޖޭގެ އަޑު)
  • ޓީވީ، ބެސްޓް އެންޓަޓެއިންމަންޓް އެވޯޑު: މޯލްޑިވިއަން އައިޑަލް (ޓީވީއެމް)
  • ރޭޑިއޯ، ބެސްޓް ޑޮކިއުމަންޓްރީ ޕްރޮގްރާމް ޗެނަލް: ވެހި ދިވެހިން (ދިވެހިރާއްޖޭގެ އަޑު)
  • ޓީވީ، ބެސްޓް ޑޮކިއުމަންޓްރީ ޕްރޮގްރާމް ޗެނަލް: ތޮއްޑޫ އައިލެންޑް އޮފް ވޯޓާމެލަން (ޓިވީއެމް)