ހަލަބޮލިވަމުންދާ މާހައުލެއްގައި އަވަށްޓެރި ގައުމުތަކާ ދުރުވެ، އަދި ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވެ ރާއްޖެ އަށް ރައްކާތެރިކަން ހޯދޭނެ ކަމަށް ހިތަށް އެރުން އެއީ ކޮށި ވިސްނުމެއް ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ސިފައިންނަށް 130 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގައި، އަދި ހާއްސަކޮށް ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސަލާމަތީ މަސްރަހު ކުރިއަށް ވުރެ ބޮޑަށް ހަލަބޮލިވެ، ދިފާއީ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމާއި ނުތަނަވަސްވެރިކަމުގެ އަސަރުތައް ކުދި ގައުމުތަކަށް ވެސް ކުރަމުންދާ ކަމަށެވެ.

ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާ އާއި ޗައިނާގެ އިތުރުން، ބޮޑެތި އެހެނިހެން ގައުމުތަކުގެ ވާދަވެރިކަމާއި ނުތަނަވަސްވެރިކަމުގެ ސަބަބުން އެކަމުގެ އަސަރު ރާއްޖެ އަށް ކޮށް، ރާއްޖޭން ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ވެސް އިތުރުވަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ދިފާއީ ސިޔާސަތުގައި ޑިފެންސް ޑިޕްލޮމަސީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަން ފާހަގަކުރައްވައި، މާރިޔާ ވަނީ ނުސީދާ ގޮތެއްގައި ޔާމީނަށް ފާޑުވިދާޅުވެފައެވެ.

"ހަލަބޮލިވަމުން ދާ އިސްތިރާޖީ މާހައުލެއްގައި އަވަށްޓެރިންނާއި ދުރުވެ ބައިނަލްއަގުވާމީ މުޖުތަމައުން ބާކީވެ ތިބެ ރާއްޖެ އަށް ރައްކާތެރިކަން ހޯދޭނެ ކަމަށް ހީވާ ނަމަ އެއީ ކޮށި ވިސްނުމެއް. މުޅި ސަރަހައްދުގެ އަމާންކަމަށް ނޭދެވޭ އަސަރުތައް ކުރާ ގޮތަށް އަމަލުތައް ބަހައްޓައިގެން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތް ކަށަވަރުކުރެވިދާނެ ކަމަށް ދުށުމަކީ އަވާމެންދުރެއް."
މާރިޔާ އަހްމަދު ދީދީ | ޑިފެންސް މިނިސްޓަރު

މާރިޔާ ވިދާޅުވީ، ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން، ދުނިޔޭގެ ބޮޑެތި ބާރުތަކުން ރާއްޖެ އަށް ބަލާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ ވަށައިގެން ވަނީ ކަނޑު ކަމަށް ވީހިނދު، އަދި މުޅި ބޯޑަރަކީ ވެސް ކަނޑު ކަމަށްވާއިރު، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ކަނޑާ ގުޅިފައެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރެވެން އޮތީ ދިވެހި ކަނޑުތަށް ބަލަހައްޓައި، ކަނޑުމަތީގެ ހާދިސާތަކާއި ކާރިސާތަކުން ދިވެހިން ސަލާމަތް ކުރެވިގެން ކަމަށް ވިދާޅުވިއެވެ.

"އަދި މި ކަންކަމަށް ބޭނުންވާ ވަސީލަތްތައް ހޯދާ އިންތިޒާމުތައް ހަމަޖައްސައި، ތަމްރީނުވެ، ތައްޔާރަށް ތިބެގެން."
މާރިޔާ އަހްމަދު ދީދީ | ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި، ޔާމީން އިސްވެ ހުންނަވައި އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް މިހާރު ވަނީ މަޑުޖެހިފައެވެ. މި މަހުގެ 3 ގައި "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، އެ ހަރަކާތް މަޑުޖެހުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސަބަބުން ކަމަށެވެ.

އެ ހަރަކާތް ހުއްޓިފައި އޮތީ ގާނޫނީ ދަތިކަމުގެ ސަބަބުން ކަމަށާއި، އަދި އެ ގަރާރުގެ ސަބަބުން އިތުރު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގާނޫނަށް އިހްތިރާމް ކުރުމުގެ ގޮތުން އިންޑިއާ އައުޓް ހަރަކާތް މަޑުޖައްސައިލި ކަމަށް ވިދާޅުވި ނަމަވެސް، ޔާމީން މީގެ ކުރިން ވިދާޅުވި ގޮތުގައި، ގާނޫނަކުން ވެސް އެ ހަރަކާތެއް ނުހުއްޓުވޭނެއެވެ.

މާރިޔާ މިފަހުން ފާހަގަ ވެފައި ވަނީ، ގިނަ ޖަލްސާތަކުގައި ޔާމީނަށް ފާޑުވިދާޅުވާ ވަޒީެއްގެ ގޮތުގައެވެ. މީގެ ކުރިން އޮތް މިފަދަ ޖަލްސާތަކުގައިވެސް މާރިޔާ ޔާމީނަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވާފައި ވެއެވެ.