ޒަމާނީ އާލާތްތައް ހޯދައި، ފާއިތުވި ދެ އަހަރުގެ ތެރޭ ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި އިތުރު ކުރެވިއްޖެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސިފައިންނަށް 130 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ޓެރަރިޒަމާ ދެކޮޅު މައްސަލަތަކުގައި، އަދި ދިވެހިންނަށް ހިދުމަތް ދިނުމުގައި ސިފައިން އަދާކުރަން ޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާ ކަމަށެވެ.

އެގޮތުން ވެސް، ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ރައްކާތެރިކުރުމަށް ސިފައިން އިސްކަމެއް ދޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ފާއިތުވި ދެ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެއެވެ. އެގޮތުން ޒަމާނީ ވަސީލަތްތައް ސިފައިންނަށް ހޯދައިދީ، ޓެރަރިޒަމާ ކުރިމަތިލުމުގެ ގާބިލްކަން އެތައް ގުނައެއް އިތުރުކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.

"ގައުމުގެ ދިފާއުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރުވަނީ ހޯދިފައި. ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ އިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުން." ޓެރަރިޒަމާ ކުރިމަތިލުމުގެ ގާބިލްކަން އަސްކަރިއްޔާގައި އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.