ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ނުކުރަނީ ކީއްވެތޯ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ސުވާލު ކުރައްވައިފިއެވެ.

މިހާރު ލ. ގަމުގައި ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގައި ފުލުހުން އިއްޔެ ހުށަހެޅި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދެކުނުގައި އޮންނަ 31 ގޭންގެއްގެ ތެރެއިން، ކުށުގެ ވެށީގައި 20 ގޭންގެއް ހަރަކާތްތެރި ވެއެވެ. އެގޮތުން:

  • އައްޑޫގައި 13 ގޭންގު (ކުށުގެ ވެށީގައި ނުވަ ގޭންގު)
  • ފުވައްމުލަކުގައި އަށް ގޭންގު (ކުށުގެ ވެށީގައި ތިން ގޭންގު)
  • ގދ. ތިނަދު އާއި ވިލިނގިލި (ކޮންމެ ރަށެއްގައި ގޭންގެއް)
  • ލ. ގަމުގައި ފަސް ގޭންގު
  • ތ. ތިމަރަފުށީގައި ދެ ގޭންގު

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ 31 ގޭންގުގައި 700 މީހުން އުޅެއެވެ. އޭގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ހިސާބުތައް ދައްކައެވެ. އެގޮތުން:

  • އައްޑޫގައި 250 މީހުން
  • ފުވައްމުލަކުގައި 160 މީހުން
  • މުޅި ހުވަދު އަތޮޅުގައި 335 މީހުން
  • ތ. އަތޮޅުގައި 103 މީހުން
  • ދ. އަތޮޅުގައި 15 މީހުން

ރޭ ކުރެއްވި ޓްވީޓެއްގައި ތޯރިގު ވަނީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް 12 އަހަރު ވެފައި ވާއިރު، ތަހްގީގު ކުރީ ކިތައް މީހުންގެ މައްސަލަތޯ، މައްސަލަތައް ބެލިނަމަ އެ މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، ދައުވާކުރިތޯ ސުވާލު ކުރައްވާ ފައެވެ.

"ގާނޫނުގައި ސާފުކޮށް އޮތް ކަމެއް ތަންފީޒު ނުކުރަނީ ކީއްވެ؟" ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވައި، އަދި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ ފޮޓޮއެއް ހިއްސާކުރައްވައި ތޯރިގު ކުރެއްވި ޓްވީޓްގައި ވެއެވެ.

ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަށް އަވަސް ކަޅިއެއް

  • އެ ގާނޫނުގައިވާ ގޮތުން، ގޭންގުތައް އުފެއްދުމާއި، ހިންގުމާއި، މެންބަރަކަށް ވުމާއި، ގޭންގެއްގެ ލީޑަރަކަށް ވުމަކީ ގާނޫނީ ގޮތުން ކުށެކެވެ.
  • ގޭންގުތައް އުފައްދައި، ގޭންގު މެންބަރެއް ކަމަށް ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ގޭންގު ލީޑަރުންނަށް ދެ އަހަރާއި ހަތް އަހަރާ ދެމެދަށް ޖަލަށް ލާނެއެވެ.
  • އެއްވެސް ސިފައެއްގައި ގޭންގެއްގެ މެންބަރެއް ކަމަށް ދެއްކުމަކީ ކުށެކެވެ. އެފަދަ ކަމެއް ކުރިކަން ސާބިތުވެއްޖެ ނަމަ، ބައި އަހަރާއި ދޮޅު އަހަރާ ދެމެދަށް ޖަލަށް ލާނެއެވެ.
  • ގޭންގުތަކާ ބެހޭ މައުލޫމާތު ހަރުކުރުމާއި ބެހެއްޓުން ފަދަ ކަންކަން ކޮށް، ގޭންގުތަކާ ބެހޭ މައުލޫމާތު ފެތުރުމަކީ ވެސް މި ގާނޫނުގެ ދަށުން ކުށެކެވެ.

ގޭންގްތަކުގެ ވާހަކަ ދައްކާ އިރު، މާލޭގައި ފުޅާދާއިރާއެއްގައި އޮޕަރޭޓް ކުރާ ގޭންގްތައް ގިނަ ކަމަށާއި އޭގެ ތެރެއިން 10 ގޭންގެއްގެ ނުރައްކާ ބޮޑުކަމަށް ވެސް މީގެ ކުރިން ފުލުހުން ބުނެފި ވެއެވެ.

ފުލުހުންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި، 2 ވަނަ ވިއަވަތި ކޮންފަރެންސްގައި ފުލުހުން ބުނީ، 1990 އިން ފެށިގެން މިހާތަނަށް މާލޭގައި އެކަނި 44 ގޭންގެއް އުފެދި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ބިރުވެރި، ނުރައްކާ ބޮޑު 10 ގޭންގެއް ހިމެނޭ ކަމަށެވެ. އަދި މި ގޭންގުތަކަށް ނިސްބަތްވާ 2،800 އަށް ވިރެ ގިނަ މީހުން (މެންބަރުން) ތިބި ކަން ހާމަ ކުރަމުން ފުލުހުން ބުނީ އޭގެ ތެރޭގައި އެކި ގްރޫޕުތަކަށް ނިސްބަތްވާ 60 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

ގޭންގު ކުށްތަކުގެ ހާލަތު އޮތް ގޮތް ހާމަކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޒަމާން ވެފައި އޮތް އެ މައްސަލަ އަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެ ކަމަށް ޓާސްކްފޯސްތައް ވެސް އެކުލަވާލާފައިވާ ކަމަށެވެ.