ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކުރާ މަސައްކަތުގެ ބޭރުން، ވަކީލަކު ކުރާ ކުށްތަކާ ގުޅިގެން ބާ ކައުންސިލަށް ސުލޫކީ މައްސަލަ ބެލޭ ފަދަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިކަން އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީއެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ބާ ކައުންސިލަށް ވަކީލެއްގެ ސުލޫކީ މައްސަލަ ބެލޭނީ އޭނާއާ ހަވާލުކޮށްފައިވާ މައްސަލައެއްގައި އޭނާ އަމަލުކުރާ ގޮތާ ގުޅިގެންނެވެ. އެއިން ބޭރުން ބާ ކައުންސިލަށް ސުލޫކީ މައްސަލަތަކެއް ނުބެލޭނެއެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ އެ މާއްދާ އިސްލާހުކޮށް، ގާނޫނީ ވަކީލުން ނަގަހައްޓަނެޖެހޭ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާއި، ވަކީލާއި މުވައްކިލުގެ ގުޅުމާއި ގުޅޭ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވެއްޖެނަމަ ނުވަތަ އޭނާއަށް ތުހުމަތުވާ އަމަލަކީ ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލުއިންސާފު ގާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ވަކީލެއްގެ ހައިސިއްޔަތުން ތަބާވާންޖެހޭ އުސޫލުތަކާ ހިލާފު އަދި ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކަމުގައިވާނަމަ އެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅިދާނެ ކަމަށް ހިމެނުމަށެވެ.
މީގެ އިތުރުން ބާ ކައުންސިލަށް ކޮންމެ މީހަކަށް ވެސް ވަކީލުންގެ މައްސަލަ ހުށަހެޅޭނެ ކަމަށާއި ކައުންސިލަށް ވެސް އިސްނަގައިގެން މައްސަލަތައް ބެލޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
މި އިސްލާހު ހުށަހަޅާފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް އެދި ބާ ކައުންސިލަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ގާނޫނީ ވަކީލު އަހްމަދު ޠާލިބު އެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުއްވީ ޖުލައި މަހުގެ ހަ ވަނަ ދުވަހުއެވެ.
ބާ ކައުންސިލަށް ހުށަހަޅުއްވާ ތާލިބު އެދިވަޑައިގަތީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ގާނޫނީ ވަކީލުންނާއި ދޭތެރޭ އަދި ބާ ކައުންސިލާއި ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުވަމުންދާތީ އެ މައްސަލަ ބަލާ، ނާޒިމް ސައްތާރުގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްދިނުމަށެވެ.
ބާ ކައުންސިލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ, ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކިލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވުމުން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.