ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް، 2015 ވަނަ އަހަރުގެ ފަހުކޮޅުގައި އެއް މިލިއަން ޑޮލަރު ވިއްކި ކަމަށް ޔޫސުފް ނައީމް ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅު ވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުން ޔާމީނަށް ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދެއްވި ކަމަށް ބުނެ ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގައި ޔާމީންގެ ދިފާއުން ބުނެފައި ވަނީ އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. އެކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ދިފާއުގައި ހެކި ދިނުމަށް ޕީޕީއެމަށް ނިސްބަތްވާ ޝާހިދު މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވާފައެވެ.

ހެކިބަސް ދެއްވަމުން ޝާހިދު ވިދާޅުވީ، ޑޮލަރު ވިއްކާނެ މީހަކު ހޯދަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލަށް ޔާމީން 2015 ވަނަ އަހަރު ގުޅުއްވި ކަމަށެވެ. އެގޮތަށް ޔާމީން އެދިވަޑައިގަތުމުން އޭނާ ހުންނެވި ތަނެއްގައި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވި ކަމަށާއި އަދި ޑޮލަރު ވިއްކަން އެދުނު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި ފަހުން ޔޫސުފް ނައީމާ ދިމާވެގެން އެ މުއާމަލާތުގެ ވާހަކަ އެހުމުން ޔާމީނަށް ޑޮލަރު ވިއްކި ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޔޫސުފް ނައީމް ވިދާޅުވި ވާހަކަތައް ހިއްސާ ކުރައްވަމުން ޝާހިދު ވިދާޅުވީ، އެއް މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގެވި ކަމަށެވެ. ނައީމަށް ފައިސާ ލިބުނީ ނަގުދު ފައިސާގެ ގޮތުގައި ދިވެހި ރުފިޔާއިން ކަމަށް ވިދާޅުވި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް ޑޮލަރުގެ މުއާމަލާތް ހިނގި ތާރީހު ނޭނގޭ ކަމަށާއި އެކަމަކު އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ހަަމއެއާއެކު ޑޮލަރު ވިއްކާނެ މީހަކު ހޯދަން މުހައްމަދު އިސްމާއިލު ދެން ގުޅުއްވި އެހެން މީހުންގެ ނަމެއް ނޭނގޭ ކަމަށް ޝަހިދު ވިދާޅުވިއެވެ.

ޝާހިދު ހެކިބަސް ދީފައިވާ އިރު، މިއަދު ކުރިން އެ އަޑު އެހުމުގައި ވަނީ މުހައްމަދު އިސްމާއިލްގެ ހެކި ބަސް ނަގާފައެވެ. މުހައްމަދު އިސްމާއިލް ވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ޔޫސުފް ނައީމަށް ގުޅައިގެން ޑޮލަރު ވިއްކަން އެދުނު ކަމަށް ވިދާޅުވެ ހެކިބަސް ދެއްވާފައެވެ.