ބްރެޒިލް އަށް އުފަން އުމުރުން 19 އަހަރުގެ އަންހެނެއް މިވަނީ އެއްމާބަނޑު ދެބެއިން ވިހެއުމަށް ފަހު ދުނިޔެ ހައިރާން ކޮށްލާފައެވެ.

ހައިރާންވާން ޖެހޭ ސަބަބަކީ މި ދެކުދިންނަކީ އެއްމާބަނޑު ދެކުދިންނަށް ވުމަކުންނެއް ނޫނެވެ. މި ދެކުދިންގެ ބައްޕަ އަކީ ތަފާތު ދެމީހަކަށް ވުމުންނެވެ. މި ފަދަ ކޭސްތަކަކީ ކޮންމެ މިލިއަނަކުން އެއް ކޭސް އެއް ކަމަށް ބުނެއުޅެއެވެ. އަދި މިހާތަނަށް މި ފަދަ ހާލަތެއް މެދުވެރިވެގެން ރިޕޯޓްކޮށްފައި ވަނީ އެންމެ 20 ކޭހެވެ.

ދެބެއިންގެ ބައްޕަ އަކީ ތަފާތު ދެމީހުން ކަމަށް ވުމުން މި އަންހެން މީހާ ހުރީ އެކަން އެހެން ދިމާވިގޮތް ނޭނގޭތީ ވަރަށް ހައިރާންވެފައި ކަމަށް ހަބަރުތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެކަމާ މެދު ވިސްނަމުން އަންހެން މީހާ ހަނދާންވީ އެއް ދުވަހެއް ގައި އޭނާ ދެ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގިކަމެވެ.

އަންހެން މީހާ ބުނީ ބަނޑުބޮޑުވިއިރުވެސް ބަނޑުގައި އޮތީ ކާކުގެ ދަރިންނެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށާއި ދެ ކުދިންނަށް އަހަރުފުރުނު ދުވަހު ޑީއެންއޭ ޓެސްޓެއް ހެދީކަމަށެވެ. ހައިރާންވީ އެތަނުން އެއްކުއްޖެއްގެ ނަތީޖާ އޭނާ ހީކުރި ފިރިހެން މީހާގެ ދަރިއަކަށް ވުމުންނެވެ.

"އެކަމާ މެދު ވިސްނަމުން ކުއްލިއަކަށް ހަނދާންވީ އަނެއް ފިރިހެން މީހާ މަތިން. ދެން އެދަރިފުޅާ އޭނާގެ ސާމްޕަލް ނެގުމަށްފަހު ޓެސްޓްކުރުމުން ނަތީޖާ ޕޮޒިޓިވްވި،" އޭނާ ބުންޏެވެ.

އޭނާ ބުނީ މި ކަހަލަކަމެއް ވެދާނެ ކަމަކަށް ދުވަހަކުވެސް ހީނުކުރާ ކަމަށެވެ.