3 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ލ. ގަމަށް ވަޑައިގެންފިއެވެ.

މި ފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެ ދެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ހިމެނެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކުރުމަށް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މި ކޮންފެރެންސްގައި ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ބަިއވެރިވެވަޑައިގަންނަވައެވެ. އެގޮތުން މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަަމަށް ރައީސް ރައީސް އޮފީހުން ބުނެއެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިއަވަތި ކޮންފަރެންސް އަށް ލ. އަތޮޅަށް ވަޑައިގެން / ފޮޓޯ: ރައީސް އޮފީސް

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި، 4 ސެޝަނެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ސެޝަނެއްގައި ވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބާއްވާނެއެވެ. އެގޮތުން، ކުރިއަށް ގެންދާ ސެޝަންތަކުގެ މައުލޫއުތަކުގެ ތެރޭގައި، މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމާއި، ވިލުންވެރި މުޖުތަމައެއް ބިނާކުރުން ހިމެނެއެވެ. އެ ސެޝަންތަކުގައި ކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އެ ބޭފުޅުންގެ ހިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށަހަޅުއްވައި ސީދާ ރައީސުލްޖުމްހޫރިއްޔާއާ އަދި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާ އެކު މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން، ކޮންފަރެންސްގެ ބައިވެރިންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ސްޕޯޓްސް ފެސްޓިވަލް މިއަދު ހަވީރު، އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކައުސިލްތަކަށް މާލީގޮތުންނާއި އަދި ގާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައި ވަނީ ޑިސެންބަރު 15، 2019 ގައި ބޭއްވި ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.