ސާކް ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމުގެ ބޭނުމުގައި، ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނީޝިއޭޓިވް (ސާފީ) އިފްތިތާހު ކޮށް، ފުރަތަމަ ދައުރުގެ ޗެއާ އަކަށް ރާއްޖެ ހަމަޖައްސައިފިއެވެ.

ސާފީ އިފްތިތާހުކޮށްފައި ވަނީ އުރުދުންގައި މިހާރު ކުރިއަށްދާ އެލައަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އަފީ) ގެ ބައިނަލްއަގުވާމީ ސިޔާސަތުތަކާ ބެހޭ މަޝްވަރާ ފޯރަމްގައެވެ. އަފީ އަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މާލީ ބައިވެރިވުން އިތުރުކޮށް، އެކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ މެންބަރު ނެޓްވޯކެކެވެ.

އަފީން އިސްނަގައިގެން ސާފީ އިފްތިތާހުކޮށްފައިވާއިރު، ދުނިޔޭގެ ވަކި ސަރަހައްދުތަކުގައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ދަތިތައް ދެނެގަނެ، އެފަދަ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެހެން ސަރަހައްދުތަކުގައި ވެސް ރީޖަނަލް އިނީޝިއޭޓިވްތަކެއް އިފްތިތާހުކޮށްފައިވެއެވެ.

ސާފީގެ މަގްސަދުތައް:

  • ސާކް ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ސަރަހައްދީ އެއްބާރުލުން އިތުރުކުރުން
  • ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުން
  • މާލީ ބައިވެރިވުން އިތުރުކުރުމަށް ދިމާވާ ދަތިތަކުން އަރައިގަތުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ގައުމުތަކުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވުން

ސާފީ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ، ސާފީގެ ފުރަތަމަ ދައުރުގެ ޗެއާގެ ހައިސިއްޔަތުން ސާކް ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އެމްއެމްއޭ އިން އިސްނަގައިގެން ކުރާނެ މަސައްކަތްތަކަށް އަލި އަޅުވާލައްވައިފައެވެ. ހާޝިމްގެ ވާހަކައިގައި މާލީ ބައިވެރިމުވާ ގުޅޭ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، އެކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ގައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.