އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2، ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ބަދަހިކަން ދެމެހެއްޓެވުމަށް ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބަތު އަވަހާރަވީ، ސިއްހީ ހާލުކޮޅު ގޯސްވެ ޑޮކްޓަރުންގެ ހާއްސަ ބެލުމުގެ ދަށުގައި ސްކޮޓްލޭންޑްގައި ހުންނަ ބެލްމޯރަލް ގަނޑުވަރުގައި އޮންނަވަނިކޮށެވެ.

އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސް އަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، ރާނީ އެލިޒަބަތު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި، މި ހިތާމައިގައި ދިވެހިން ވެސް ބައިވެރިވާ ކަމަށެވެ.

ރައީސްގެ ތައުޒިޔާ މެސެޖުގައި އިތުރަށް ވިދާޅުވި ގޮތުގައި:

  • 70 އަހަރުވީ ރަނިކަމުގައި ރާނީ އެލިޒަބަތު އާންމުންނަށް ހިދުމަތް ކުރެއްވި
  • އެކަމަނާ ދުނިޔެ އަށް ބަދަލުތަކެއް ގެންނެވި
  • އެކަމަނާގެ ރަނިކަމުގައި ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި ބަދަހިކަން ދެމެހެއްޓުމަށް މަސައްކަތްޕުޅު ކުރެއްވި

އޭގެ އިތުރުން، ރާނީ އެލިޒަބަތުގެ ކެތްތެރިކަމާއި ވާޖިބު އަދާ ކުރެއްވުމުގެ މަތިވެރި ސިފަތަކުގެ ޒިކުރާ، ޖީލުތަކަށް ދެމިގެން ދާނެ ކަމުގައި ވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެ އަށް ވަޑައިގެންނެވި އިރު، ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި އެ ހަނދާންތަކަކީ ރާއްޖޭގެ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ހަޔާތުން މުހިންމު ހަނދާނެކެވެ. އަދި ރައީސް ވަނީ އެކަމަނާގެ ހަޔާތްޕުޅުގައި އިނގިރޭސިވިލާތަށާއި ކޮމަންވެލްތަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ހަނދާން ވެސް އާކުރައްވައިފައެވެ

ރާނީ އެލިޒަބަތު އަވާހަރަވީ އާލާސްކަންފުޅާ އުޅުއްވިތާ ގިނަ ދުވަސް ފަހުން ކަމަށް ބައެއް ހަބަރުތައް ބުނި ނަމަވެސް، ޝާހީ ހާންދާނުގެ ބޭބޭފުޅުންގެ ސިއްހީ މައުލޫމާތަކީ އާންމުކޮށް އާންމު ކުރާ ވާހަކަތަކެއް ނޫނެވެ. އެހެން ކަމުން އެކަމަނާ ފަރުވާ ހޯއްދަވަމުން ގެންދެވި އާލާސްކަންފުޅެއް ސާފެއް ނުވެއެވެ.

ރާނީ އެލިޒަބަތަކީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖު 1952 ވަނަ އަހަރު އަވަހާރަ ވުމުން ރަނިކަމާ ހަވާލުވެވަޑައިގެން އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފު އޮތް ރާނީއެވެ.