އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލައިޒާ އިސްތިއުފާ ދެއްވީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ލައިޒާ އައްޔަންކުރީ މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައެވެ.

ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއްގެ މަގާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތައުލީމީ ދާއިރާގެ މަގާމުތައް އަދާ ކުރައްވާފައެވެ.

ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވާސިޓީން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލު ކުރައްވާފައެވެ.