އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް އެދި ބާ ކައުންސިލަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ.

ގާނޫނީ ވަކީލު އަހްމަދު ޠާލިބު އެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުއްވީ ޖުލައި މަހުގެ ހަ ވަނަ ދުވަހުއެވެ.

ބާ ކައުންސިލަށް ހުށަހަޅުއްވާ ތާލިބު އެދިވަޑައިގަތީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ގާނޫނީ ވަކީލުންނާއި ދޭތެރޭ އަދި ބާ ކައުންސިލާއި ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުވަމުންދާތީ އެ މައްސަލަ ބަލާ، ނާޒިމް ސައްތާރުގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްދިނުމަށެވެ.

ބާ ކައުންސިލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ, ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކިލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވުމުން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ނާޒިމްގެ ސުލޫކީ މައްސަލައެއް ބެލިދާނެ ފަދަ ޝަކުވާއެއްކަމަށް ނުފެންނާތީ މި ޝަކުވާ ބެލެންނެތްކަމަށް ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމެޓީން ނިންމާފައިވޭ,

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި, ނާޒިމް ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

އަލަމްގީރް ވަނީ ކުށަށް އިއުތިރާފުވެ ވީހައި ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް އެދިފައެވެ. އަލަމްގީރް އެ ކުށަށް އިއުތިރާފުވެފައިވާތީ ގާނޫނުލް އުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަޑުން އެއް ދަރަޖަ އަދަބު ވަނީ ދަށްކޮށްފައެވެ. މިގޮތުން އަލަމްގިރި 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމް ވަނީ ކޮށްފައެވެ.