ރ. އުނގޫފާރުގެ ރައްޔިތުން 24 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ހަވާލުކޮށްފިއެވެ.

ފެނަކައިން ބުނީމ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ. ރަށްރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ގާއިމްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ އަލިމަގެއް ނުފެނި ކަނިވެ ނިވެމުން ދިޔަ އިންޖީނުގެތަކައް ސަރުކާރުގެ ބެލެނިވެރިކަން ދިނުމަށް 2009 ވަނަ އަހަރު ސަރުކާރުން ފެއްޓި މަސައްކަތް މިއަދު ރ. އުނގޫފާރުގެ ރައްޔިތުންގެ އިންޖީނުގެ ފެނަކަ އާ ހަވާލު ކުރުމުން އެއްކޮށް ފުރިހަމަ ކުރެވިއްޖެ ކަމަށް ފެނަކައިން ބުނެއެވެ.

އިންޖީނުގެ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އަދި މިނިސްޓާ އޮފް އެންވާރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، މިއީ ފެނަކައިގެ އިހްތިސާސް ތެރޭގައި ހިމެނޭ ރަށްތަކުގެ ތެރެއިން، ރައްޔިތުން ޔުޓިލިޓީ ހިދުމަތް ދެމުން އައި އެންމެ ފަހު ރަށުގެ ހިދުމަތް ފެނަކައާ ހަވާލު ކުރެވިގެން ދިއުންކަން ފާހަގަކުރެވޭ ތާރީހީ ދުވަހެއް ކަމަށާއި އީ ރައްޔިތުންގެ އިންޖީނުތައް ސަރުކާރުގެ ކުންފުނި ތަކުގެ ބެލުމުގެ ދަށަށް ދިޔަ އުފާވެރި ދުވަހެއް ކަމަށެވެ.

ރައީސްގެ ހިކުމަތްތެރި ވިސްނުންފުޅާ އެކު ރަށުގެ ނެޓްވޯކް އަޕްގްރޭޑް ކުރެވި މުވައްޒަފުންނަށް ވަނީ ފަސޭހަ މާހައުލެއް ހޯދާދެވިފައި ކަން ސައިޑު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ކަރަންޓު ޔަގީން ކުރެވިގެން ދާނެ ކަމަށާއި ދާދި އަވަހަށް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އެގޮތުން އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް މިހާރު ވަނީ އެ ރަށަށް ގެންގޮސްފައި ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ކުރިއަށް ދަނީ އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ވެސް ފެނަކައިން ބުނެއެވެ.

އުނގޫފާރު އިންޖީނުގެ ހިދުމަތް ދޭން ފަށާފައި ވަނީ ޑިސެމްބަރު 7، 1997 ގައެވެ. އޭރު ހިދުމަތް ދިނީ 6 ގަޑިި އިރަށްކަމުގައި ވިޔަސް 24 ގަޑިއިރު ހިދުމަތް ދޭން ފެށީ 2001 ވަނަ އަހަރުގައެވެ.