އައްޑޫގައި މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބި ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިންގާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިންނެވެ.
ފުލުހުން ބުނީ، ވެހިކަލަކުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަަމަށެވެ. މި އެކްސިޑެންޓަގައި ދިވެހި ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނާ އިރު މިހާރު އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާގެ ބޮލަށް އަނިޔާވެފައިވާ ތަން ފެނެއެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ވެއެވެ.
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދެމުންދާ މީހާއާ ގުޅޭ މައުލޫމާތެއް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އަދި އެއްވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވެއެވެ.